
ނަޑެއްލާ ކައުންސިލްގެ ޤުރުއާން މުބާރާތުން ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްފި
# ގދ. ނަޑެއްލާ ކައުންސިލް# ޤުރުއާން މުބާރާތް# ގދ.ނަޑެއްލާGMG_7887
ގދ. ނަޑެއްލާ ކައުންސިލުން އިސްނަގައިގެން ބޭއްވި ނަޑެއްލާ ކައުންސިލް ޤުރުއާން މުބާރާތުގެ ވަނަ ވަނައަށްދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްފިއެވެ.

ނަޑެއްލާ ސުކޫލުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޝަވްޤުވެރިކަން އިތުރުކުރުމާއި އަދި ޤުރުއާނުގެ ފަންނުވެރިކަން އާލާކޮށް ދިރުވައި ފެތުރުމުގެ މާތް ނިޔަތާއެކު، ގދ. ނަޑެއްލާ ކައުންސިލުން އިސް ނަގައިގެން ނަޑެއްލާ ސްކޫލާއި ގުޅިގެން 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 27 އިން 29 އަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ޖުމްލަ 128 ހުށަހެޅުން ކުރިއަށް ގެންގޮސްފައިވެއެވެ.
މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވީ މުޙައްމަދު މޫނިސް އަދި ހާފިޒް ސާދު ސާލިމް ޕަޓެލް އެވެ.
މި މުބާރާތުގައި ނަޑެއްލާ ސްކޫލުގެ ކޮންމެ ގްރޭޑަކުން އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާފައިވެއެވެ. އަދި ފައުންޑޭޝަން ސްޓޭޖް ނުހިމަނައި، ހުރިހާ ގްރޭޑެއް ހިމެނޭހެން މުޅި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިން ވަނަވެސް ހޮވާފައިވެއެވެ. މީގެ އިތުރުން ދެން ހޮވާފައިވަނީ މުޅި މުބާރާތުން އެއްވަނަ ހައުސް އެވެ.
މި މުބާރާތުން ތިން ވަނަ ހާސިލްކޮށްފައިވަނީ ނަޑެއްލާ ސްކޫލުގެ ގްރޭޑް 5ގެ ދަރިވަރު އިސްމާއިލް ޒަޔާން ޒަކަރިއްޔާ (ކާނި ހައުސް) އެވެ. މުބާރާތުން ދެވަނަ ހާސިލްކޮށްފައިވަނީ ގްރޭޑް 8ގެ ދަރިވަރު، މަރިޔަމް ޒުހާ ޒަކަރިއްޔާ (މަދޮށި ހައުސް) އެވެ. މުބާރާތުގެ އެންމެ ޝަރަފްވެރި އެއްވަނަ ހާސިލްކުރީ ގްރޭޑް 5ގެ ދަރިވަރު ފާތިމަތު ޝިޔަމް ސާދިޤް، (ކާނި ހައުސް) އެވެ.
ނަޑެއްލާ ސްކޫލުގެ ދަރިވަރުންނަށް ބޭއްވި މި މުބާރާތުގެ އެއްވަނަ އަށްދާ ދަރިވަރަަކަށް ދޭން އެރަށު ކައުންސިލުން ނިންމާފައިވަނީ 5000 ރުފިޔާ އެވެ. ދެވަނައަށް ދާ ދަރިވަރަކަށް 3000 ރުފިޔާ ދޭން ނިންމާފައިވާއިރު، ތިން ވަނައަށްދާ ދަރިވަރަށް ދޭން ނިންމާފައިވަނީ 2000 ރުފިޔާ އެވެ. މި ފައިސާ މިހާރު ވަނީ ހައްގުވެރި ދަރިވަރުންނާ ހަވާލުކޮށްފައެވެ.
މުބާރާތުން އެއްވަނަ ހައުސްއަކަށް ހޮވިފައިވަނީ ކާނި ހައުސް އެވެ.
ނަޑެއްލާ ކައުންސިލުން އިސްނަގައިގެން ބާއްވާ މި ޤުރުއާން މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައިވެސް، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

ނަޑެއްލާ އައު ބަނދަރު މަޝްރޫއުއަށް ކޮންޓްރެކްޓަރެއް ހޯދަނީ

ނަޑެއްލާގައި ވެސް އޭޓީއެމްއެއް ބަހައްޓަނީ
ނަޑެއްލާގައި އައު ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން މިމަހު އިއުލާނުކުރަނީ
