
މާމެންދޫގައި ހާލުގައި ޖެހުނު އާއިލާއަށް ސަރުކާރުގެ އެހީ
# ގއ.މާމެންދޫ# އަލިފާނުގެ ހާދިސާ# ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރScreenshot 2022-05-10 at 12.08.32
ގއ. މާމެންދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ އެއާއިލާއަށް ލިބުނު ގެއްލުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުލި ދައްކާ ގޮތަށް، ތިން މަސް ދުވަހަށް އެއާއިލާ ވަގުތީ ހިޔާވައްސަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މަހަކަށް 7000 ރުފިޔާގެ ރޭޓުން 21000 ރުފިޔާ ކުލީގެ ގޮތުގައި ދެއްކުމަށް ހަވާލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެ އިތުރަށް 6 މީހުންގެ ކެއުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް 200 ރުފިޔާގެ ރޭޓުން 18000 ރުފިޔާ 15 ދުވަހަށް ވަނީ ދީފައެވެ. އަދި އަންނައުނު ފޯރުކޮށްދިނުމަށްޓަކައި ކޮންމެ މީހަކަށް 1500 ރުފިޔާގެ އެލެވެންސެއް ދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު، އެ ގޭގެ ވެރިފަރާތް ކަމަށްވާ ދޮށީ އުމުރުގެ ދެމަފިރިން ތިބީ ބޭސްފަރުވާއަށް މާލޭގައެވެ. ތިން ކޮޓަރި ހުންނަ އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގިއިރު ހަތަރު މީހުން ދިރިއުޅެވެ. އެއީ އެ ދެމެފަރިންގެ ފިރިހެން ދަރިފުޅާއި އަންހެން ކުއްޖާ އާއި އޭނާގެ ފިރިމީހާ އަދި ތިން އަހަރުގެ ދަރިފުޅެވެ.
އެގެއަށް ލިބުނު ގެއްލުންތައް ބެލުމަށްވަނީ އެސެސްމެންޓެއް ހަދާފައެވެ. އޭގެ ނަތީޖާ އަށް ބެލުމަށް ފަހު، ސަރުކާރުން އެފަދަ ހާދިސާތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން އިތުރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނަމަ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.