ވާހަކަ: ދިރުމެއް ނެތް ދުނިޔޭގައި
ގާފު އެޑިޓޯރިއަލް
5/5/2022, 1:15:50 AM
OG dhirumeh nei dhuniuyeyga
އެޑިޓަރުގެ ނޯޓު: މި ވާހަކަ އަކީ ގާފު ކުރުވާހަކަ މުބާރާތަށް އައިމިނަތު ލީނާ ހުށައަޅާފައިވާ ވާހަކަ އެކެވެ. މިވާހަކަ ގާފު އޮންލައިންގައި ޝާއިއުކޮށްފައި މިވަނީ ވާހަކައަށް މާކްސް ދިނުމަށްފަހު، މި މުބާރާތުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވާހަކަ އަށް ލިބޭ ވިއުސް އަށްވެސް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ ކިއުންތެރިންގެ ޚިޔާލު ހޯދުމަށެވެ. ވާހަކައަށް މާކްސް ދިނުމުގައި ބަލާނީ ވާހަކަ ޝާއިއުކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި އެ ވާހަކައަކަށް ލިބޭ ވިއުސްގެ މައްޗަށެވެ.
ކައިލް މިދިލިގަހެއްގައި ލެގިލައިގެންހުރެ ވިސްނަމުންދަނީ ވީރާނާވަމުންދާ އޭނަގެ ހަޔާތާމެދުގައެވެ. އެވޭނީ އިހުސާސްތައް މުޅި ހަށިގނޑުވެސް ކުރާކަހަލައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓާ މަރުގެ އިންޒާރުވަނީ ލިބިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ތިމާއަށް އަމިއްލައަށް އުޅެވުނު ގޮތުގެ ނަތީޖާއެވެ.
ކައިލަކީ ރަށުގެ ހުރިހާ ޒުވާނުންނަށް އެނަމެއް އިވުމުން ގައިން ހީބިހި ނަގައިގެން ދާ ޒުވާނެކެވެ. ރަށުގައި ހިނގާ މާރާމާރީ ތަކުގެ އެއް ހިއްސާދާރެވެ. އެކަމަކު އޭނާ މާރާމާރީ ހިންގަނީ މީހުންގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމުގެ ބޭނުމުގައެވެ. ކައިލަކީ މީހުންނާ އެކުވެރި އަދި މީހުންނަށް ޤަދަރުވެސް ކުރާ ޒުވާނެކެވެ. އަމިއްލަ ދެތިން ފިހާރައެއް މާލޭގައި ހުރުމުގެ އިތުރުން ރަށުގައިވެސް އަމިއްލަ ވިޔަފާރިއެއް ހިންގާ ޒުވާނެކެވެ. މި ހުރިހާ ރިވެތި ސިފަތަކަކާ އެކުވެސް އޭނާގެ ދިރިއުޅުމުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއް ވެއެވެ. ނުބައި އާދަތަކެއް ހަރުލާފައި ހުއްޓެވެ.
ކައިލަކީ އޭނާގެ ވިޔަފާރި ދަތުރުތަކުގައި ގިނަ އަދަދެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅޭ މީހެއްކަމުން ގިނަ ގައުމުތަކަކަށް އޭނާއަށް ވަނީ ދެވިފައެވެ. ރާއްޖެއިން ބޭރުވުމުން ކައިލްގެ އުޅުން މުޅީން ބަދަލުވެގެން ދެއެވެ. ކޮންމެ ރެޔަކު ނައިޓް ކުލަބް ތަކުގައި ރާބޮއި ހެދުމާއެކު އެތައް އަންހެން ކުދީންނާއެކު ފާހިޝް ޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރެއެވެ. ނަމަވެސް ވިސްނާނުލެވެނީ އެޅޭ ކަތިފިޔަވަޅުން ދިރިއުޅުން ބަދަލުވެދާނެ ކަމެވެ. ތިމާއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާނުލެވެއެވެ.
ދުވަސްތައް މިގޮތަށް ވޭތުވަމުން ގޮސް އެއްއަހަރު ވީފަހުން ކައިލަށް ބުނަން ނޭނގޭކަހަލަ ގޮތްތަކެއް ވާންފެށިއެވެ. ބޯއެނބުރުމާއި ހުން އައުން އާންމުކަމަކަށް ވިއެވެ. އެހެންވެ ޑޮކްޓަރަށް ދައްކާ ޓެސްޓު ހެދިއެވެ. ޓެސްޓުގެ ނަތީޖާލިބުނު ދުވަހު ކައިލްގެ ހިތާމޭ ފުޑުފުޑުވިއެވެ. އާއެކެވެ. އޭނާ އެޗް.އައި.ވީ އަށް ޕޮޒިޓިވް ވީއެވެ. ހާސްވެ ގޮތް ހުސްވިއެވެ. ފަހު ނޭވާ އައިސް ޖެހުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ. އެތައް އަހަރެއް ވަންދެން ނިދިފައި އޮއްވައި ބިރުވެރި ހުވަފެނަކާއެކު ނިދިން ހޭލެވުނު ފަދައެވެ. އެ ހުވަފެނަކީ ހަނޤީގަތެކެވެ. ދެން ބަދަލުނުކުރެވޭނެ ހަނޤީގަތެކެވެ. އޭނާ އަމިއްލައަށް އޭނާގެ ލެއިން އޭނާގެ ތަޤުދީރުގައި ލިޔުނު ނިމުމެކެވެ.
ކައިލަށް ހިޔާލުތަކުން ބޭރުވެވުނީ އަސުރުނަމާދުގެ ބަންގީގެ އަޑަށެވެ. ކައިލް މިހާރު ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ގުނަމުންދަނީ އެންމެންނާ ވަކިން އެކަހެރިކޮށެވެ. ފުރާނާގައި ނޭވާ ހިނގިއެއްކަމަކު ދިރުމެއް ނުހުރެއެވެ. ކައިލް ހިތާހިތާ ބުނެލިއެވެ. " ދިރުމެއްނެތި ދުނިޔޭގައި އުޅެން ނޭދޭނަމަ އެންމެހައި ނުބައި ފާހިޝް ޢަމަލުތަކުން ރައްކާތެރިވެ ﷲ ގެ މަގަށް ރުޖޫޢަވާށެވެ" ދިރިއުޅުމުގެ ބާއްޖަވެރިކަމާއި އުފާވެރިކަން ހާސިލުވާނީ އޭރުންނެވެ. މިގޮތަށް ކަންތައް ނޮކޮށްފިނަމަ ކައިލަށް ވީގޮތަށް ވެދާނެއެވެ. ވިސްނޭއިރު ވަގުތު ފާއިތުވެ ދިރިއުޅުން ބަރުބާދުވާނެއެވެ. އޭރުން ދެންޖެހޭނީ ދިރުމެއްނެތި ދުނިޔޭގައި އުޅޭށެވެ.
~ ނިމުނީ ~