ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް މުބާރާތް - ކަނބާ ބަލިކޮށް ވިންގްސް އިން ފެށުން ރަނގަޅުކޮށްފި
އަލްފާ އަލީ
5/3/2022, 1:46:04 AM
GMG_5257
ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ގދ. ތިނަދޫ ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2022″ ގެ މިރޭ ކުޅުނު ދެވަނަ މެޗުގައި ވިންގްސް ޓީމް ކުރި ހޯދައިފިއެވެ.
ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި މިރޭ ފެށި މި މުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރީ ކަނބާ ޓީމާއި ވިންގްސް ޓީމެވެ. މި މެޗު ން ވިންގްސް މޮޅުވީ 8-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ވިންގްސް އަށް އެއް ގޯލުގެ ލީޑުން، 1-2 ގެ ނަތީޖާއިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފަސޭހަކަމާއެކު ވިންގްސް އިން ވަނީ އިތުރު 6 ގޯލު ޖަހައި، 4-8 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފައެވެ.
މި މެޗުގެ ކުއީން އޮފްދަ މެޗް އަށް ހޮވިފައިވަނީ ވިންގްސް ޓީމްގެ ޖާޒީ ނަމްބަރު 10، ހުސްނާ ޙަސަން އެވެ.
މި މުބާރާތަކީ އެ ކޮމެޓީން އިސްނަގައިގެން ގދ. ތިނަދޫ ގައި ދިރިއުޅޭ އަންހެން ކަނބަލުންގެ އިޖްތިމާޢީރޫޙް އާލާ ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކުރުމުގެ މަޤްސަގުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމުލަ 4 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ލީގް އުސޫލުން ކުރިޔަށްދާ މި މުބާރާތުގައި ކޮންމެ ރެއަކުވެސް ދެމެޗުކުޅޭނެ އެވެ. އެގޮތުން މާދަމާ ރޭވެސް ދެ މެޗު ކުޅޭނެ އެވެ. މާދަމާ ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީއާރުސީއާއި ވިންގްސް ޓީމް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފިޓް ފެމިނިން އާއި ކަނބާ އެވެ.
މިރޭ ފެށި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޒިފްލީނާ ޙަސަން އެވެ. ޒިފްލީނާގެ އިތުރުން މި ރަސްމިއްޔާތުގައި ގދ.ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރ އަކަށް ގދ. އަތޮޅު ކައުންސިލް ހަމަޖެހިފައިވާއިރު، އެސޯސިއޭޓް ޕާޓްނަރުންނަކީ ގދ. ތިނަދޫ ކައުންސިލާއި ތިނަދޫ ސްޓޭޑިއަމްގެ އިތުރުން ހަވަރު ސްޕޯޓްސް އެވެ. ޕްރިންޓިންގ ޕާޓްނަރ އަކަށް ނޯވާޓެކް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މި މުބާރާތުގެ ޗެމްޕިއަންޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަަހަޅާފައެވެ.