
މިއަހަރުގެ ރޯދަމަހުވެސް ގާފުން "ފާންތެލެ" ގެނެސްދޭނެ، މެއިން ސްޕޮންސަރ އަކީ ޑީއެމްއެން
# ސްޓޫޑިއޯ33# ފާންތެލެOG ew
މިދިޔަ އަހަރުގެ ރޯދަމަހު ގާފު ނޫހުން ގެނެސްދި "ފާންތެލެ" ޝޯ މިއަހަރުގެ ރޯދަ މަހުގައިވެސް ގެނެސްދިނުމަށް ހަމަޖެހިއްޖެ އެވެ.

ފާންތެލެ ޝޯ އަކީ ގާފު އޮންލައިނާއި ސްޓޫޑިއޯ33 ގުޅިގެން ގެނެސްދޭ "ސްޓްރީޓް ޝޯވް" އެކެވެ. 1442 ވަނަ އަހަރުގެ ރޯދަމަހުގައިވެސް މި ޝޯގެ ދެ އެޕިސޯޑު ގެނެސްދީފައިވާނެ އެވެ. ނަމަވެސް އެއިރު ކޮވިޑް19ގެ ހާލަތު އޮތް ގޮތުން ގދ. ތިނަދޫ ލޮކްޑައުނަކަށް ދާން ޖެހުމުގެ ސަބަބުން އެ ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ އެވެ.
ގާފު މީޑިއާ ގްރޫޕުގެ ޗީފް ޓެކްނިކަލް އޮފިސަރ، އަދި ޕްރޮޑަކްޝަން ހެޑް، ޝަޖާއަތު އަޙްމަދު ވިދާޅުވީ މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްޓޫޑިއޯ33 އާ ގުޅިގެން، ޑީއެމްއެން ކުންފުނީގެ މެއިން ސްޕޮންސަރގެ ދަށުން ކަމަށެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމާ ޚިލާފަށް، މިއަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ ޚާއްސަ ގްރޭންޑް ޕްރައިޒަކާއި، ކޮންމެ ޝޯއަކުން ހަދިޔާ ކުރެވޭ ވަކި ވަކި އިނާމްތަކަކާއެކު ކަމަށްވެސް ޝަޖާއަތު ވިދާޅުވިއެވެ.
މިއަހަރުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ސްޓޫޑިއޯ33 ގެ ފައުންޑަރ، ނައުފަލް ނަސީމް ވިދާޅުވީ މިއަހަރުގެ ޕްރޮގްރާމް ހުރިހާ ގޮތަކުންވެސް ޚާއްސަވެފައި ތަފާތުވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ޕްރޮގްރާމްގައި ބެލުންތެރިން ބޭނުންވާނެ ފަދަ މަންޒަރުތަކާއި ސެގްމަންޓްތަކެއް މިއަހަރުގެ ޝޯއިން ފެނިގެންދާނެ ކަމަށްވެސް ނައުފަލް ވިދާޅުވިއެވެ.
މިއަހަރުގެ ފާންތެލެ ޝޯގެ ގްރޭންޑް ޕްރައިޒަކީ ޑީއެމްއެން އިން ސްޕޮންސަރކޮށްފައިވާ ގިފްޓް ޕެކް އެކެވެ. މި ގިފްޓް ޕެކްގެ އަގަކީ 5000 ރުފިޔާ އެވެ. ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވާނީ އީދު ދުވަހުގެ ރޭ ނަގާ ގުރުއަތަކުންނެވެ.
ނައުފަލް ވިދާޅުވީ، މިއަހަރުގެ ޝޯ އޮންނާނީ ރޯދަމަހުގެ ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު 17:30 ގައެވެ. އެގޮތުން މުޅިއެކު ޖުމްލަ ހަތަރު އެޕިސޯޑު ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިޝޯއަށް ކަނޑައަޅާފައިވާ ގްރޭންޑް ޕްރައިޒްގެ އިތުރުން، ޝޯގެ ކޮންމެ އެޕިސޯޑެއްގައި ބައިވެރިވިޔަސް އެކި އިނާމްތައް ލިބިގެންދާނެ އެވެ.
ކޮންމެ އެޕިސޯޑަކުންވެސް އިނާމު ލިބޭނެ. އަޅުގަނޑުމެން ކޮށްލާ ސުވާލަކަށް ޖެހޭނީ ޖަވާބު ދެއްވަން. ރަނގަޅު ޖަވާބު ދިމާކޮށްފި ނަމަ ވަގުތުން ވަގުތަށް، އަތުން އަތަށް އިނާމް ހަވާލު ކުރެވޭނެ. ޝޯގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް އިނާމެއް ހޯދުމުގެ ފުރުސަތު އޮންނާނެ --- ސްޓޫޑިއޯ33ގެ ފައުންޑަރ، ނައުފަލް ނަސީމް
ފާންތެލެގެ ފުރަތަމަ އެޕިސޯޑު މިއަހަރު ޚާއްސަކޮށްފައިވަނީ ގދ. ތިނަދޫގެ ގޭބިސީތަކުން ރޯދައަށް ވާ ތައްޔާރީތަކުގެ މައްޗަށެވެ.