
GMG_4558
ރާއްޖެއިން ބޭރަށް ހަނގުރާމައަކަށް ދިޔަ ދިވެހިން އަންހެނަކާއި އޭނާގެ ހަތަރު ދަރިން މިއަދު ރާއްޖެ ގެނެސްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، ރާއްޖެ ގެނެސްފައިވާ އަންހެނާއަކީ ހަނގުރާމައަށް ގޮސް، ހާލުގައި ޖެހިގެން ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ފަރާތެއް ކަމަށެވެ. ސަރުކާރުގެ އެހީތެރިކަމަށް އެދުމުން އެ އަންހެން މީހާ ރާއްޖެ ގެނެސްފައިވަނީ އޭނާގެ 18 އަހަރުން ދަށުގެ ހަތަރު ކުދިންނާވެސް އެކީގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިންބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ދިވެހިރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުންއަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ކުރެވި، އޭގެތެރެއިން ފުރަތަމަ އާއިލާ މިއަދުވަނީ ރާއްޖެއަށް ގެނެވިފައެވެ. މިއާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ. - ހޯމް މިނިސްޓްރީ
އެ މިނިސްޓްރީން ބުނީ ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔަކަށް ވާހިނދު، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކުރެވިފައިވާ، އަދި އެފަރާތްތައް އަލުންއަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމުގައި ވާތީ، ޒިންމާދާރުކަމާއެކު
އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިމަސައްކަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކިސަބަބުތަކާހުރެ މުޖުތަމަޢުން ހަވާސާވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށެވެ. - ހޯމް މިނިސްޓްރީ
މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެ ފަރާތްތަކުގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ޙާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ އެފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް ކުރަމުންދާ ކަމަަށެވެ.
އެފަދަ މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި އެ މައްސަލަ
ޙައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން، ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެއައިސް އެއްވެސް ބާވަތެއްގެ ޖިނާޢީ ތަކުލީފެއް އުފުލުމެއްނެތި ނުވަތަ ކަމާގުޅުންހުރި ރިހެބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ އެފަދަ ފަރާތްތައް މީގެ ކުރިން މުޖުތަމަޢަށް ދޫވެފައިވާކަން ފާހަގަކުރެވި، އެ މައްސަލަ ނިމުމަކަށް ގެނައުމަށާއި، މިފަދަ ޙާލަތްތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދެވޭނެހެން ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ޤާއިމުކޮށް އެ ނިޒާމު ހިންގާނެ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. - ހޯމް މިނިސްޓްރީ
ހޯމް މިނޖސްޓްރީން ބުނި ގޮތުގައި އެ މަސައްކަތް ކުރެވިފައިވަނީ އަދި މިހާރުވެސް ކުރެވެމުންދަނީ ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި، ބައިންލްއަޤުވާމީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު އެކަށީގެންވާ މިންވަރަށް ލިބިގެން، އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ހަމަތަކަށް ރިއާޔަތްކޮށްގެންނެވެ.
ގުޅުންހުރި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގެ ސަރަހައްދުތަކުގެ ދަރިވަރުންގެ އިމްތިހާންތައް ފަސްކޮށްފި

ފުވައްމުލަކުގައި ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރަށް ކުރިއަށް

ކުށްކުރާ ކުޑަކުދިން ރިހިބިލިޓޭޓް ކުރުމަށް " ހޯޕް އައިލެންޑް" , 18 އަހަރު ވުމުން ސަލާމަތީ ބާރުތަކަށް ހިދުމަތް ކުރަން ޖެހޭނެ!




