އޮޕަރޭޝަން ކުރަނގި މާދަމާ ފަށަނީ
އަހުމަދު ޝުރާއު
5/1/2024, 6:19:45 PM
އޮޕަރޭޝަން ކުރަނގި
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ކުރިޔަށްގެންދިޔުމަށް ނިންމާފައިވާ "އޮޕަރޭޝަން ކުރަނގި" މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީއިން ބުނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ޤައުމީ ހަރަކާތް " އޮޕަރޭޝަން ކުރަނގި" ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަން ފެށިގެންދާނީ މާދަމާ ކ. ހިންމަފުށިން ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައި އެވެ. މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ އެމިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.
ސަރުކާރުން މިދިޔަ ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ "އަހާ" ފޯރަމްގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތް ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ކ ހިންމަފުށިން ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ބިދޭސީންގެ ހުރިހާ އިނގިއްޔެއްގެ ނިޝާން ޑޮކިއުމެންޓް ކުރެވި ބިދޭސީ މީހާގެ ފޮޓޯވެސް ޑޮކިއުމެންޓް ކުރެވިގެންދާނެ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ބިދޭސީ މީހާ ރާއްޖެ ގެނައީ ކޮން ފަރާތަކުންކަން ދެނެގަނެވިގެންދާނެ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. މި މަސައްކަތުގެ ތެރެއުން ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދޭނެ ކަމަށާއި އެ ފުރުޞަތުގެ ބޭނުން ނުހިފާނަމަ ޑީޕޯޓް ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންދާކަންވެސް ފާހަގަކުރައްވާފައި އެވެ.
މިނިސްޓަރ ވިދާޅުވީ 3 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.