ފްރާންސުން ރަޝިއާގެ ކާގޯ ބޯޓެއް ހިފަހައްޓައިފި
އަލްފާ އަލީ
2/26/2022, 4:38:30 PM
NINTCHDBPICT000714793891
ފްރާންސުން ރަޝިއާގެ ކާގޯ ބޯޓެއް ހިފަހައްޓާފައިވާކަމަށް ރަޝިއާގެ ސްޓޭޓް މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
އެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިފަހައްޓާފައިވަނީ ރަޝިއާގެ "ބޯލްޓިކް ލީޑަރ" ނަމަކަށް ކިޔާ، ދިގު މިނުގައި 127 މީޓަރު ހުންނަ ކާގޯ ބޯޓެކެވެ. އެ ބޯޓު ހިފަހައްޓާފައިވަނީ "އިންގްލިޝް ޗެނަލް" އިން ވަންނަން މަސައްކަތް ކުރަނިކޮށެވެ.
ފްރާންސުގައި ހުންނަ ރަޝިއާގެ އެމްބަސީން ވަނީ އެ އަމަލު ކުށްވެރިކޮށް، ބޯޓު ހިފަހައްޓަން ޖެހުނު ސަބަބެއް ބަޔާން ކުރުމަށް ފްރާންސަށް ގޮވާލާފައެވެ. ފްރާންސުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވަނީ އެ ބޯޓު ހިފަހައްޓާފައިވަނީ އެގައުމު ހިމެނޭ ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ކަމަށެވެ.
އީޔޫއިން ވަނީ ރަޝިއާގެ ބައެއް ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ފްރާންސުން ބުނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި އެ ބޯޓުގެ ވެރި ކުންފުނި ހިމެނޭ ކަމަށް ތުހުމަތުވާ ކަމަށެވެ. އެހެން ކަމުން ބޯޓު ހިފަހައްޓީ ކަމަށާއި، ބޯޓު މިވަގުތު އޮތީ ފްރާންސުގެ ބޮއުލޯން ސާމާ ބަނދުގައި ކަމަށްވެވެސް އެގައުމުން ވަނީ ބުނެފައެވެ.