ހުވަދޫ މީހިންނެ މަހަކަނޑައްނަން ގިޔެ ރަޓައްކޫ މާލެ އާ ، މާލެއަން އަސްލު ކިޔައްނޫ މަހުލޭ - ޖާބިރު
އަހުމަދު ޝުރާއު
12/6/2020, 1:45:32 PM
ޖާބިރު
މާލެ އަކީ ހުވަދޫ މީހުން މަސްކަނޑަން ދިޔަ ތަނެއް ކަމަށާއި މާލެއަށް އަސްލު ކިޔަނީ މަހުލޭ ކަމަށް ކ.ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ.
19 ވަނަ މަޖިލީހުގެ 3 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި ސުވާލު ކުރެއްވުމުގެ ފުރުސަތުގައި ޖާބިރު ހުވަދޫ ބަހުން ވާހަކަ ދައްކަވަމުން ވިދާޅުވީ ހުވަދޫ މީހުން މަސްބާނައިގެން މަސްކަނޑަން ދިޔަ ރަށަކީ މާލެ ކަމަށާއި މާލެއަށް އަސްލު ކިޔަނީ މަހުލޭ ކަމަށެވެ. އަދި މިކަން މިނިސްޓަރ އަަސްލަމްގެ އަރިހުން ސާފުކުރައްވަން ބޭނުން ފުޅުވާކަމަށް އެދި ޖާބިރު ވަނީ އަސްލަމް އާއި ސުވާލުކުރައްވާފައެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި މާލެއަށް މަސްކަަނޑަން ދިޔައީ ހުވަދޫ މީހުން ނޫން ކަމަށާއި މާލެއަށް މަސްކަނޑަން އައިސް އުޅުނީ ގިރާވަރު މީހުން ކަމަށެވެ. އަދި މަޖިލީހުގައި ދެއްކޭ ވާހަކަ ތަކަކީ ކޮންމެވެސް ވަރެއްގެ ސައްހަ ކަމެއް ހުންނަށް ޖެހޭނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
ޖާބިރު ހުވަދޫ ބަހުން ވާހަކަ ދައްކަވަމުން ވަނީ މިނިސްޓަރ އަސްލަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ހުވަދޫ ބަޤާވާތަށް ފަހު ބޮޮޑު ވަޒީރުކަމަށް ގެންނަން ބޭނުންފުޅުވީ މިނިސްޓަރ އަސްލަމް ކަމަށްވެެސް ވިދާޅުވެފައެވެ. ހަމައެއާއި އެކު ރައީސް ނަޝީދާއި އަސްލަމް އެކުގައި މަސައްކަތް ކުރާނަމަ ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށާއި އަސްލަމްގެ މައްސަލައެއް ނެތްކަމަށާއި މައްސަލަ އަކަށް ވަނީ އަސްލަމްގެ އާރާއި ބާރެެެއް ސަރުކާރުގައި ނެތުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އަބްދުﷲ ޖާބިރު އާއި މިނިސްޓަރ އަސްލަމް އަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ދެބޭފުޅުންނެވެ.