
B26EDDBF-0042-4C15-BD43-3DDF051C4A6E
ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ކޮށްފައިވާ ކޮންސްޓްރަކްޝަން ކުންފުނިތަކަށް “ރައުޝަން ޖިއާން” ގެ ނަމުގައި ހާއްސަ އެވޯޑެއް ދޭން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނިންމައިފި އެވެ.

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް (ޖަނާ) ވިދާޅުވީ، އިމާރާތްކުރާ ސައިޓުތަކުގައި ކުންފުނިތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކަންކަމަށް އިސްކަން ދިނުމަށް ބާރުއެޅުމުގެ ގޮތުން ރައުޝަން ޖިއާންގެ ނަމުގައި އެވޯޑެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ އެވޯޑް އަންނަ އަހަރު ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާންއަކީ ޑިސެމްބަރު 2018 ގައި މ. ނަލަހިޔާމަންޒިލް މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މަރުވި ބަންގްލަދޭޝް ކުއްޖެކެވެ.
ޖަނާ ވިދާޅުވީ، އެ އެވޯޑް ދިނުމުގެ މަގުސަދަކީ ހޭލުންތެރިކަން އިތުރުކޮށް ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓާ އެންމެ ރަނގަޅު ކުންފުނިތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ. މިފަދަ އިނާމަކާއި ހަމައަށް ދަތުރުކުރެވޭ ކުންފުނިތަކެއް ހޮވާލެވިއްޖެނަމަ ކޮންމެ ކުންފުންޏަކުންވެސް ވަކި ސްޓޭންޑަޑްތަކެއް ހިފަހައްޓައިގެން މަސައްކަތް ކުރާނެކަން ފާހަގަކުރެއްވި އެވެ.
އެވޯޑް ދޭއިރު ކުންފުނީގެ އުސޫލުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ މިންވަރާއި، ކުންފުނީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން އުނގަންނައިދިނުމަށް ކުރާ މަސައްކަތްފަދަ ކަންކަމަށް ބަލާނެ ކަމަށް މަސީން ބުންޏެވެ.
ޖީއާންގެ މަރާއެކު ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުނަށް ސަރުކާރުން ދަނީ ބާރުއަޅަމުންނެވެ.