
284767_3_514cf74f2eb3f31ccac543e215544f054adfdde5_medium
ހުޅުމާލެ މެޑިކަލް ފެސިލިޓީ އަދި ކޮވިޑަށް ފަރުވާދޭ އެހެނިހެން ފެސިލިޓީތަކަށް ނަރުހުން ހޯދުމަށް އައިޖީއެމްއެޗް އިން އިޢުލާނުކޮށްފި އެވެ.

އައިޖީއެމްއެޗުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް ފެސިލިޓީތަކަށް ބޭނުންވަނީ އެއް އަހަރުދުވަހަށް މަސައްކަތް ކުރާނެ ވަގުތީ ނަރުހުން ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށްވާން ޖެހޭ ކަމަށް ވެސް އެއިޢުލާނުގައި ވަނީ ބުނެފައެވެ.
އައިޖީއެމްއެޗުން އިޢުލާނުކޮށްފައިވަނީ 22 ނަރުހުން ހޯދުމަށެވެ.
މި ވަޒީފާގަައި ހަފްތާއަކު ފަސް ދުވަހު، މަދުވެގެން އަށް ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު މަހު މުސާރައަކީ 9،060 ރުފިޔާ ކަމަށާއި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު 188 ރުފިޔާ ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތްތަކުން ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ބަލިމީހުންނަށް ފަރުވާދޭން ޖެހޭނެ ކަމަށް އެއިޢުލާނުގައި ބުނެފައި ވެއެވެ.
އަދި ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް މޮނީޓަރ ކުރުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދިނުމުގެ އިތުރުން ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރަން ވެސް ޖެހޭނެ ކަމަށްވެސް އެއިޢުލާނުގައި ބުނެފައި ވެއެވެ.







