
--
ނަރުހުން ހަދާފައިވާ ދިރާސާތައް ހުށައެޅުމަށް ޚާއްސަ ކޮންފަރެންސެއް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ބާއްވައިފިއެވެ.

"ސާސްތުރަ"ގެ ނަމުގައި ބޭއްވި މި ކޮންފަރެންސްގައި 7 ނަރުހަކު ދިރާސީ ހުށައެޅުންތައް ހުށައެޅިއެވެ. މި ކޮންފަރެންސް ގެ މަޤްޞަދަކީ ނަރުހުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
ސާސްތުރަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ، ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ ޢުޘްމާން އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ވަނީ ކޮންފަރެންސްގެ ސަބަބުން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދެނެގަނެވިފައިވާ ހައްލުތައް ނަރުހުންގެ ޚިދުމަތުގައި ބޭނުންކުރުމުގެ މަގު ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.
ނަރުހުން ޚިދުމަތް ދިނުމުގައި ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ޕޭޝަންޓް-ސެންޓަރޑް ނިޒާމަކަށް ފަރުވާ ދިނުން ބައްޓަންކުރަންޖެހޭކަަމަށް ތަސްލީމާ ވިދާޅުވިއެވެ. ވަޞީލަތްތަކާއި މުވައްޒަފުން މަދުވި ނަމަވެސް، ފުރިހަމަކަމާއެކު ޚިދުމަތް ދެވޭނެ މަގުތައް ހޯދުމަށް ނަރުހުން މަސައްކަތް ކުރަންޖެހޭކަންވެސް ތަސްލީމާ ފާހަގަކުރެއްވިއެވެ.
ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ތެރޭގައި އަލްއުސްތާޒާ ތަސްލީމާ އުސްމާން އާމިނަތު ޝާފިޔާ ، މަރިޔަމް ޝިފާ ، އަދި ނިޔާޒާ އާދަމް ހިމެނެއެވެ.
މި ކޮންފަރެންސްގައި އެމްއެންޔޫގެ ސްކޫލް އޮފް ނަރސިން އަދި ވިލާ ކޮލެޖްގެ ދަރިވަރުން ބައިވެރިވިއެވެ.






