
-
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ 64 ޕަސެންޓަކީ ދިވެހިން ކަމަށް ސިއްހަތާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނަރުހުންގެ ދުވަސް ފާހަގަކުރަމުން އަންނަ މި ދުވަހުގައި ސިއްހަތާއި ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބުތަކަށް ބާލާއިރު، މުޅި ރާއްޖޭގައި ޖުމްލަ 3907 ނަރުހުން މަސައްކަތް ކުރެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 3،593 މީހުންނަކީ އަންހެނުންނެވެ. އެއީ ނަރުހުންގެ ޖުމްލަ 92 އިންސައްތައެވެ. ފިރިހެން ނަރުހުންގެ އަދަދަކީ 314 އެވެ. އެއީ ނަރުހުންގެ އެންމެ އަށް އިންސައްތައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 51 ޕަސެންޓް މަސައްކަތް ކުރަމުންދަނީ މާލެ ސަރަހައްދުގައެވެ. އަދި 49 ޕަސެންޓް ނަރުހުން މަސައްކަތް ކުރަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ. ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ ތެރެއިން މާލޭގައި މަސައްކަތްކުރަނީ 1989 ނަރުހުންނެވެ. އަދި އަތޮޅު ތެރޭގައި މަސައްކަތް ކުރަނީ 1918 ނަރުހުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2،503 ނަރުހުންނަކީ ދިވެހިންނެވެ. މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ އަދަދަކީ 1،404 އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 3،291 ނަރުހުންނަކީ ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނެވެ. އެއީ ނަރުހުންގެ 84 ޕަސެންޓް މީހުންނެވެ. އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 616 ނަރުހުން މަސައްކަތްކުރެއެވެ. އެއީ ނަރުހުންގެ 16 ޕަސެންޓެވެ.
ރާއްޖޭގައި ކުރީގައި ނަރުހުންގެ ގޮތުގައި މަސައްކަތްކުރަމުންއައީ ގިނައިން ބިދޭސީންނެވެ. ނަަމަވެސް ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތް ފުޅާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ހިދުމަތަށް ކޮންމެ އަހަރަކު ނުކުންނަ ދިވެހި ނަރުހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.






