logoEN
Sto top
އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް ސޯލިހް

އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް ސޯލިހް

# ރެހެންދި އެވޯޑް

big_hLRpqbPTsmrKbCFuMIM3CXyQv

އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ޙައްޤު މަޤާމު އަންހެނުންނަށް ހޯދައިދިނުންކަމަށާއި، ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްޤީގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ދިވެހި އެންމެހާ ކަނބަލުން އެއްބާރުލުންދެއްވުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ. އަދި މިހާރު ސަރުކާރުން އަންހެނުންނަށް ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ މަޤްޞަދަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މިންތީގެ ތަފާތުތައް ނައްތާލައި ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެއްކަމުގައި އެމަނިކުފާނު ވަނީ މިރޭގެ ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ.

ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަސައްކަތުން ޤާނޫނީ ގޮތުން ގެނަސްފައިވާ ބަދަލުތަކެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ފުރުޞަތުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މި އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދިގެންދިޔަ އަންހެންގެ ކޮމިޓީތަކުގެ ސަބަބުން ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުވެގެން ގޮސްފައިވާކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރައްވަނީ އަންހެނުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތަ އަންހެނުންކަމުގައި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދިވެސް ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި އެގޮންޖެހުންތައް ކުރިމަތިވަނީ މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އެހެންކަމުން އެކަމަށް ޙައްލުހޯއްދެވުމަަށް ކުރައްވާ މަސައްކަތްތަކުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުޞަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖުތަމަޢުގެ ވިސްނުން ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ހާލަތުގައި އަންހެނުން ކުރެއްވި އަގުހުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިރޭ ރެހެންދި އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންނަށާއި، ލ. އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އިޚްލާޞްތެރިކަމާއެކު ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside