logoEN
cocacola
ކޮލަމް: އެދެނީ ތިނަދޫ ފުލް ލޮކްޑައުނަކަށް ދާން!

ކޮލަމް: އެދެނީ ތިނަދޫ ފުލް ލޮކްޑައުނަކަށް ދާން!

ކ.ތ.ޒ

logo

6/13/2021, 7:22:49 AM

# ކޮވިޑް19# ގދ.ތިނަދޫ# ކޮލަމް

DSC_1580

ތިނަދޫ މުޖުތަމައުގެ ތެރެއިން ކޮވިޑް 19 ގެ ކޭސް ތައް ފެނި ރަށުގެ ރައްޔިތުން ނުތަނަވަސް ވެފައިވާ މި ދަނޑިވަޅުގައި މިހާރު އޮތް ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިހާރު ގެ ހާލަތާ ގުޅިގެން ބައެއް ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް އުޅޭކަން ފާހަގަ ވެއެވެ. އިތުރު ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މައްޗަށް އޮތް ހަ މަހުގައިވެސް ތިނަދޫ މިހާރު އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓެންޓް އިން އޯތޮޕެޑިކްސް އަދި ކޮވިޑް ފެސިލިޓީ މެނޭޖަރ ޑރ އަހުމަދު ޢާޒިމް ވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައެވެ. އަދި ރަށް ފުލް ލޮކްޑައުން އަކަށް ދިޔުން މުހިންމު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ގޮސިޔާ

ޑރ. ޢާޒިމްގެ ޕޯސްޓް ޝެއަރ ކުރަމުން ގދ.އަތޮޅު ކައުންސިލް ރަޢީސް ފައިހަތު ވެސް ވަނީ ތިނަދޫ މިހާލަތުން އަރައިގަތުމަށް ރަށް ފުލް ލޮކްޑާއުން އަކަށް ދިޔުން މުހިންމުކަމަށް ބުނެފައެވެ. އެހެންނަމަވެސް ތިނަދޫގައި އަދި ފުލް ލޮކްޑައުން އަކަށް ދާން ނުފެންނަ ކަމަށް ރަށު ކައުންސިލް ރައީސް, ސައުދު އަލީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ލޮކްޑައުން ކުރަން ތާއީދު ކުރައްވާކަން މީސްމީޑިއާގައި ހާމަކޮށްފައެވެ. އޭގެ ތެރޭގައި އެ ކައުންސިލްގައި ހިމެނޭ އިދިކޮޅު ޕީޕީއެމްގެ މެމްބަރު މުޙައްމަދު ޒަލީފް އަބްދުالله ހިމެނިވަޑައިގަންނަވައެވެ.

ތިރީސް މެމްބަރުންގެ މައްޗައް އެކުލެވޭ އީއޯސީ ވީތަނެއް ވެސް ނޭނގެއެވެ. ގދ. ގައްދޫ ގައި ޖުމްލަ 84 ކޭސްއާއެކު ރަށް ފުލް ލޮކްޑައުން އަކަށް ދިޔުމަށް ވިސްނައި އެއަށް އަމަލު ކުރުމަށް ނިންމަމުން ދާއިރު ތިނަދޫ ގައި ޖުމްލަ ކޭސް 300 އަށް ވުރެ މަތިވެ އަދި އެކްޓިވް ކޭސް 130 ގައި އުޅޭ އިރު އެފަދަ ފިޔަވަޅު އެޅުން ލަސް ވަނީ ކޮން ސަބަބަކާ ހުރެ ތޯއެވެ. ކޮން ބައެއްގެ ނުފޫޒުން ތޯއެވެ. ރަށުގެ ރަށްޔިތުންގެ މަންފާ އާއި ލާބަޔަށް މަސައްކަތް ކުރުމުގެ މަސްޢޫލިއްޔަތު ހަވާލުވި ބޭފުޅުން ކޮބައި ތޯއެވެ.

ރޭގެ ވަގުތެއްގައި ގދ. އަތޮޅު އޭއޯސީން ވަނީ ތިނަދޫ ލޮކްޑައުން ކުރަން ޖެހޭ ކަމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. ނަމަވެސް އެއަށް އަމަލު ކުރާނީ އެރަށުގެ އީއޯސީއާ މަޝްވަރާ ކުރުމަށްފަހު, ރަށު ކައުންސިލަށް އެޗްޕީއޭގެ ހުއްދަ ލިބުމުންނެވެ. މިއަދުގެ ވަގުތެއްގައި އެކަމާ ގުޅިގެން ތިނަދޫ އީއޯސީއާ މަޝްވަރާ ކުރައްވާނެ ކަމަށް ގދ. އަތޮޅު ކައުންސިލްގެ ރައީސް, ޙަސަން ފައިޙަތު ޤުދުރަތުالله ވަނީ ވިދާޅުވެފައެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީން ނެރެފައިވާ, "ކޮވިޑް19 އާއި ގުޅިގެން އެކުލަވާލާ އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި, ރަށު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި, ސޯޝަލް ސަޕޯޓް ޑެސްކު އަދި ސޯޝަލް ސަޕޯޓް ރެސްޕޯންސް ޔުނިޓް އެކުލަވާލުން" އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި, ކޮވިޑް19 އަށް ތައްޔާރުވުމަށް ރަށު ފެންވަރުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރަށުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ލަފާ ދިނުމަކީ އެ ސެންޓަރުގެ ޒިންމާއެކެވެ. ގދ. އަތޮޅުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމީ އެކަމެވެ. ޒިންމާ އަދާކުރައްވައިފިއެވެ.

އެއާ ވިދިގެން ފެނިގެން ދިޔައީ ގދ. ތިނަދޫ ކައުންސިލްގެ ރައީސް, ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ގދ. އަތޮޅު އިމަޖެންސީ ސެންޓަރުގެ ނިންމުމާ ގުޅިގެން ފާޅުކުރެއްވި ޚިޔާލެކެވެ. އެ ޕޯސްޓުގައި ސައުދު ވިދާޅުވީ "އަތޮޅު ކައުންސިލުން އުޅެނީ ކުރާނެ ކަމެއް ނެތިގެން" ކަމަށެވެ. އެ ޕޯސްޓާ ގުޅިގެން ތިނަދޫގެ އެތައް ރައްޔިތުންނެއްގެ ނުރުހުމާއި ފާޑުކިއުންތައް އޭނާއާ އަމާޒުވިއެވެ. އެއާ އެކު މާގިނަ އިރުތަކެއްނުވެ ސައުދު ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައެވެ.

ދެން އިހަށް, އެހެން ދިމާލަށް ޖެހިލާނަމެވެ. މިސްކިތްތައް ބަންދު ކޮށް ގޭގައި ނަމާދު ކުރުމަށް ބާރު އަޅައި ހަދާއިރު މުށި މަސް ބޭނުމަށާއި ފަރު މަސް ވެރިކަމަށް ކުދި އުޅަނދު ފަހަރުތަކަށް ހުއްދަ ދެވެނީ ކޮން އުސޫލަކުން ތޯއެވެ. ރައްޔިތުން ގޭގައި މަޑުކޮށް ތިބުމަށް އެދި އަދި ބިދޭސީން ގެނެސްގެން މަސައްކަތް ކުރުން މަނާ ކޮށް ހަދާފައި ވާއިރު ސަރުކާރު މުއައްސަސާތަކުގެ ބިދޭސީން ގެނެސްގެން ކުރާ މަސައްކަތްތައް އަދިވެސް ހުއްޓާލަން ނުވޭތޯއެވެ. ބަލި ފެތުރެނީ ޢާންމު ރައްޔިތު މީހާ ފުށުން އެކަނި ތޯއެވެ.

އީއޯސީ މެމަބަރުންނަށް ދީފައިވާ ފާހުގެ ނާޖާއިޒު ފައިދާ ނަގާ ވާހަކަ ބުނުމުން ކައުންސިލް ރަޢީސް ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށް ބުނެފައެވެ. އަދި އެބޭފުޅުން އަތުގައި ފާސް ނޯންނަ ކަމަށް ވިދަޅުވެފައެވެ. އެހެން ވީ އިރު 118 ފާސް ދޫ ކުރެވިފައިވަނީ ކޮން ބަޔަކަށް ތޯއެވެ. އޭގެ ތެރެއިން 78 ފާހެއް މިހާރުވެސް ބޭނުންކުރަމުން އެބަ ދެއެވެ. ސައުދު ވިދާޅުވި ގޮތުގައި އެކާޑުތައް ބޭނުން ކުރަމުން އަންނަނީ އެރަށުގެ ސޯޝަލް ސަޕޯޓް ޑެސްކުގެ ވޮލަންޓިއަރުންނެވެ. ކުދި އަދި ބޮޑު ވިޔަފާރިތަކަށް އެއް ވަރަކަށް ފާސް ދޫ ކޮށްފައި ވާއިރު އޭގެ ބޭނުން ކުރަނީ އެންމެ ހެޔޮ ގޮތުގައި ތޯ ބަލަން ޖެހެއެވެ.

މިގޮތަށް މިކަންތައް ބޮއްސުން ލަމުން ދާނަމަ ޑރ. ޢާޒިމް ވިދާޅުވެފައިވާ ފަދައިން ހަމަސް ވާއިރުވެސް މިކަމުން އަރައިނުގަނެވި ކުދި ވިޔަފާރިތައް ކުރާ އެންމެނަށް އެކަމުން ގެއްލުން ވެގެން ދާނެއެވެ. ކޮންމެ ދުވަހަކުހެން ބާއްވާ މީޓިންގ ތަކުން ރައްޔިތުންނަށް އެކަށީގެންވާ ބަދަލެއް ފެންނަން ޖެހެއެވެ. ނޫނީ ތިޔަ ފެންފުރެނީ ފޫ ނެތްފަޔަކަށެވެ. އެދެނީ ތިނަދޫ ވީހާވެސް އަވަހަކަށް ފުލް ލޮކްޑައުން ކޮށް ރައްޔިތުން މިކަމުން މިންޖުވުމެވެ.

އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތިނަދޫ ކަމަށްވާއިރު, އެރަށް ލޮކްޑައުން ކުރުމުން އަތޮޅުގެ ރައްޔިިތުންނާއި ވިޔަފާރިވެރިންނަށް ދަތިތަކެއް ކުރިމަތިވާނެ އެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މޮނިޓަރިންގެ މުއްދަތު ދިގުދެމިގެންދާ ކޮންމެ ދުވަހަކީ އެރަށުގެ ސަބަބުން އަތޮޅުގެ ރަށްރަށަށް ނިކަމެތިކަން ލިބޭ ދުވަހެއް ކަމެވެ. އޭގެ ބަދަލުގައި 14 ދުވަހުގެ ފުލް ލޮކްޑައުނަކަށް ދިއުމުން މާތްاللهގެ އިރާދަފުޅާއެކު ރަށުގެ ހާލަތު ރަނގަޅުވެ ރަށް ހުޅުވި ރަށަށް ދިރުން ލިބިގެންދާނެ އެވެ.

ފުލް ލޮކްޑައުނަކަށް ތައްޔާރުވެ ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރަން މިހާރުން މިހާރަށް ފޫގަޅައި މަސައްކަތް ކުރުމަށް ރަށުގެ އިމަޖެންސީ ސެންޓަރަށް ގޮވާލަމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ