logoEN
cocacola
ކޮލަމް: ދިވެހީންނަށްވުރެ ދިވެހި ބިމުގައި ބިދޭސީންގެ ބާރު, ޒިންމާ ވާނެ ފަރާތެއް ނެތް!

ކޮލަމް: ދިވެހީންނަށްވުރެ ދިވެހި ބިމުގައި ބިދޭސީންގެ ބާރު, ޒިންމާ ވާނެ ފަރާތެއް ނެތް!

ކ.ތ.ޒ

logo

6/9/2021, 11:12:28 AM

# ގދ.ތިނަދޫ# ކޮލަމް

DSC_1316-1536x1024

ދިވެހިންނަކީ ކާބަފައިންގެ ޒަމާނުއްސުރެ މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމާއި، ރޭނުމާއި ރުއް އެރުމުގެ އިތުރުން ވަޑާން ކުރުމާއި، އަތްތެރި މަސައްކަތްތަކާއި ރޯނު ވެށުން ފަދަ އެތައް މަސައްކަތެކެވެ. އިރުގެ ރަން ދޯދިތައް ކަނޑުގެ ލޮނުގަނޑުން މައްޗައް ދިއްލާލާ ހިސާބުން ފެށިގެން އުޑު މައްޗައް ރަތްވިލާ އަރަންދެން ވަރުބަލި ކަމެއްނެތި މަސައްކަތުގައި ދެމި ތިބެއެވެ. އަންހެނެއް ފިރިހެނެއް އިސްތިސްނާ ނުވެއެވެ. ފިރިން ވަޑާން ކުރަން ތިބެންޏާ އަނބިން ފަންގި ވިނުމުގައި އަވަދި ނެތި އުޅެއެވެ. ދަރިންގެ ކަންތައް ފުރިހަމަ ކޮށްދީ ހުރިހާ ކަމެއްހެން ފުރިހަމަ ކުރެއެވެ.

ގޮސިޔާ

ނަމަވެސް ޒަމާނަށް އައި ބަދަލާއެކީ އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް މިވަނީ ހީ ނުކުރާހާ ބޮޑު ބަދަލެއް އައިސްފައެވެ. ދިވެހިން ކުރިން ކުރަމުން އައި މަސައްކަތްތައް ބިދޭސީން ގެނެސްގެން މަސައްކަތް ކުރުވާކަން ފާހަގަ ވެއެވެ. ދަރިން ބަލާ މީހާ އިން ފެށިގެން ގޭގެ މަސައްކަތްތައް ކުރުމަށްވެސް ބިދޭސީން މިވަނީ ގެނެސްފައެވެ. މަސްވެރި އޮޑިތަކުން ފެށިގެން ހޮޓާ ރެސްޓޯރެންޓު ތަކުގައި އެމީހުން މިވަނީ ފިޔަ ޖަހަން ފަށާފައެވެ. ރޭނުމުގެ މަސައްކަތުން ފެށިގެން ފިހާރަތުގެ ކޭޝިއަރުންގެ މަގާމުތައް ފުރަމުން މިދަނީ ބިދޭސީންނެވެ. މިފަދަ މަސައްކަތްތަކަށް އެތެރެ ކުރާ ބިދޭސީން ގިނަފަހަރު ފިލައިގެން ގޮސް އުޅެނީ އަމިއްލަ މަސައްކަތްތައް ކުރުމުގައެވެ. އަމިއްލަ ވިޔަފާރިތައް ފައްޓައިގެންނެވެ. ސުވާލަކީ ބިދޭސީން ގެންނަން ކޯޓާ ދޭ ސާޙިބު މީހާ ދޫކޮށް އެބައިމީހުން ފިލަންޖެހެނީ ކީއްވެގެން ތޯއެވެ. މި ގޮތަށް ކަންތައްތައް ދިމާވުމުން ރާއްޖެ ވަންނަން ޖެހޭ އެތަކެއް ޑޮލަރެއް އެއް ގެއްލިގެން ދެއެވެ.

ބިދޭސީން ގެނައުމަށްފަހު މުސާރަ ނުދީ ގެންގުޅޭ ދިވެހިން މަދެއް ނޫނެވެ. ނަތީޖާ އަކަށް ވަނީ ވެރިޔާއަށް ފިލައިގެން އެހެން ރަށަކަށް ބަދަލު ވުމެވެ. ނުވަތަ ފިލުމެވެ. ވިސާ އެއް ޕާސްޕޯޓެއް ނެތި އެވެ. ވާނީ ވެސް އެހެންތާއެވެ. ވަޒީފާ އަށް އައުމަށް އެތައް ލޯނެއް ނަގައިގެން އައުމުން މުސާރަ ނުލިބޭއިރު ގިނަފަހަރު ބޯހިޔާކުރުމަށް ތަނެއް ނުދައްކައެވެ. ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުމަށް ސާޙިބުމީހާ ކުރެން ސަލާންޖަހަން ޖެހެއެވެ. މީގެ ސަބަބުން ފިލައިގެން ގޮސް އަމިއްލަ ވިޔަފާރިތައް ފުޅާ ދާއިރާ އެއްގައި ކުރަމުން ދެއެވެ. ނަމަވެސް މިގޮތަށް އުޅޭ ގިނަ ބިދޭސީންނަށް ބޮޑެތި މަޤާމުތަކުގައި އުޅޭމީހުންގެ ބާރުގައި އުޅެވޭކަން ފާހަގަކުރެވެއެވެ.

މަސައްކަތް ކޮށްގެން ލިބޭ ސާފު ފައިދާ އިން ވަކި ޕަސްނަޓެއް ބޮޑެތި މީހުންނަށް ދީގެންނެވެ. އެހެންކަމުން ގިނަފަހަރު ވަގަށް އުޅުނަސް އެމީހުންނަށް ޕޮލިޓިކަލް ޕަވަރ އޮންނަ މީހުންގެ ހިމާޔަތް ލިބިގެންދެއެވެ. ޑީލްތައް ހަދައި އޭގެއިން ނާޖާއިޒް ފައިދާ ނަގައެވެ. މިމީހުންގެ ތެރޭގައި އެމީހުންގެ ގައުމުގަ ބޮޑެތި ކުށްވެރިން ތިބިކަމީ އެއްވެސް ޝައްކެއްނެތް ކަމެކެވެ. ހުކުމް ތަކުން ސަލާމަތް ވާން ވަގު ޕާސްޕޯޓްގައި އެތެރެ ވަނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. މާދަން ޑީޕޯޓް ކުރިޔަސް އަނެއްކާވެސް އެހެން ނަމެއްގައި މި ޤައުމަށް އެތެރެވަނީ ޤައުމުގެ މައި ދޮރާށި ބަލަހައްޓާ ހުރިހާ މުއައްސަސާ ތަކުގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނެތި ކަމީ މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ގިނަ ރަށްތަކުގައި ބިދޭސިން އެމީހުންގެ އަމިއްލަ ހޮޓާތައް ހިންގައި ހަދަނީ މިނިވަންކަމާ އެކީގައެވެ. އެގޮތުން ތިނަދޫ އަށް ބަލާލާއިރު ތިނަދޫ ގައި އުޅޭ ބިދޭސީންގެ އަމިއްލަ ވިޔަފާރި ތައް ފުޅާދާއިރާއެއްގައި ހިންގަމުން ދާކަން ފާހަގަ ވެއެވެ. ކަންމަތީ ފިހާރަތަކުން ފެށިގެން ސައި ހޮޓާތަކެވެ. ފިހާރަތަކާއި ރެސްޓޯރެންޓް ތަކުގެ ކޭޝިއަރުންގެ ގޮތުގައެވެ. މަސްއޮޑި ފަހަރުގައި މަހަށް ދިއުމުގައެވެ. ގެސްޓް ހައުސްތަކުގެ ސެކިޔުރިޓީންގެ މަގާމާއި ހޮޓާ ތަކުގެ ވެއިޓަރުންގެ މަގާމުގައެވެ.

ހިތާމައަކީ ރަށުގެ އިސް މަޤާމުތަކުގައި އުޅޭ ބޭފުޅުން ވެސް ގަވައިދާ ޙިލާފަށް ބިދޭސީން ގެންގުޅޭ ކަމެވެ. އެމީހުންނާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިގެން ހިންގާ ވިޔަފާރިތަކެވެ. ރަށް މޮނިޓަރިންގ އަށް ލެވިފައިމިވާ ނާޒުކު ދަޑިވަޅުގައިވެސް ރަށުން ބޭރަށް ކުދިމަސް ބޭނުމަށާއި ރިސޯޓު ތަކަށް ދިޔުމަށް ބޮޑުން ގެންގުޅޭ ބިދޭސީންނަށް ހުއްދަ ލިބިގެން ދާއިރު ރަށުގަ ތިބި އަނބި ދަރީންނާއި ދުރުގަ ތިބި ރަށުގެ ފަރުދުންނަށް ރަށަށް އެރުމުގެ ހުއްދަ ނުލިބެއެވެ. އަދި ހަމަ މިއާއެކު ރަށުގައި ކާފިއު ގަޑީގައި ވެސް ބޭރުގައި ބިދޭސީން އުޅޭކަން ފާހަގަ ވެއެވެ. ފުލުހަކު ހިފަހައްޓައިފިނަމަ ފަސޭހަ ކަމާއެކު ދިވެހިބަސް ނޭނގޭ ކަމަށް ބުނެލައެވެ. ގަވާއިދުވެސް ނޭގެނީ ތޯއްޗެވެ. ހަމަ ނޭނގެނީ ބާއެވެ. ނުވަތަ އެމީހުން އެބައެއްގެ ބާރުގައި އުޅޭ މީހުން ބުނާ ގޮތްބާއެވެ.

މަސައްކަތްކޮށްގެން ލިބޭ މުސާރަ ރަށަށް ނުވަތަ ޤައުމަށް ފޮނުވުމަށް ބޭންކް ނުވަތަ ޕޯސްޓް މެދުވެރި ކުރަން ޖެހުނު ނަމަވެސް އެއިން ތަނެއްގެ އެހީއާއި ނުލައި ގައުމަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވާލަނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ރަށުގައި ދާދާ ހެދިގެން އުޅޭ ޕޮލިޓިކަލް ޕަވަރ ތަކުގެ އަތް ބޯ މަތީ އޮންނަ ބިދޭސީ މީހާ އަތަށް ލާރި ގެންގޮސް ދިނުމުން އެއްގަޑި އިރުތެރޭގައި އެމީހާގެ ޤައުމުގައި ތިބި އެމީހުންގެ ޢާއިލާގެ އަތަށް ނަގުދު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާލައެވެ. މި އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގެނެސްދޭ ލާރި ކަނޑު މަގުން މާލެ ފޮނުވާ، މާލޭގައި ޤާއިމް ކުރެވިފައި ހުންނަ ބޭރު ޤައުމުތަކުގެ ބޭންކު ތައް މެދުވެރި ކުރުވައެވެ. މީގެ ސަބަބުން ދިވެހިންގެ ބޭންކު ތަކަށް ވަންނަން ޖެހޭ ޓްކްސް ފައިސާ ނުވަދެ ގެއްލުން ލިބޭ ގޮތް މެދުވެރިވެއެވެ. ބްލެކް މާރކެޓުގައި ނުފޫޒުވެރިންގެ އެއްބާރުލުން ލިބިގެން ހިންގޭ މިފަދަ ޖަރީމާ ތަކުގެ ސަބަބުން ގެއްލުން ވަނީ ދިވެހި ރައްޔިތުންނަށެވެ.

ހާހުން ގުނާލެވޭ ވަރަށް ތިނަދޫ ގައި ބިދޭސީން އުޅުނު ކަމުގައިވިޔަސް، ބިދޭސީންގެ ދަފްތަރެއް އެކުލަވާލެވިފައި ނުވާކަމީ ދެރަ ކަމެކެވެ. އެހެން ކަމުން ގަވާއިދަށް އުޅޭ ބިދޭސީންނާއި ގަވައިދާ ޙިލާފަށް އުޅޭ ބިދޭސީ މީހުން ވަކި ކުރަން ވެސް ނޭނގެއެވެ. ދަފްތަރެއް ގާއިމް ވެފައި ނުވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ އަމްޖަދު ވަނީ ތިނަދޫ އީ.އޯ.ސީ އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކާފައެވެ. އަމްޖަދު ވިދާޅުވީ އެރަށުގެ ގިނަ ބިދޭސީންނަކީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށެވެ.

ކޮންމެ ގޮތެއްވިޔަސް, އެފަދަ ދަފްތަރެއް އެކުލަވާލެވުމުން ޤާނޫނާއި ގަވައިދަށް އުޅުމަށް އެމީހުންނަށް މަޖުބޫރު ވެގެންދާނެއެވެ. މިހާރު އުޅޭ އެންމެހާ ބިދޭސީނަށް އެމީހުންގެ ރިކޯޑެއް އެއްވެސް ސަރުކާރު މުއައްސަސާއެއްގައި ނެތްކަން އެނގޭތީވެ އޭގެ ފައިދާ ފުރިހަމަ އަށް ނަގަމުންދެއެވެ.

މިފަދައިން ހިނގާ ކަންކަން ހުއްޓުވުމަށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމުން ވީ އެންމެ އަވަހަކަށް އެފަދަ ދަފަތަރެއް ތިނަދޫ މިހާރުގެ ކައުންސިލުން އެކުލަވާލާނެ ކަމުގައި އުއްމީދު ކުރަމެވެ. ކަންބޮޑުވާން ޖެހޭ ކަމީ އިއްޔެވެސް އެރަށުން ފައްސިވި 20 މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް ވުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ