logoEN
cocacola
ކޮލަމް: 30 މެމްބަރުން ހިމެނޭ ތިނަދޫގެ އީއޯސީ ފެއިލްވެއްޖެ؟

ކޮލަމް: 30 މެމްބަރުން ހިމެނޭ ތިނަދޫގެ އީއޯސީ ފެއިލްވެއްޖެ؟

ކ.ތ.ޒ

logo

5/30/2021, 11:50:42 PM

# ކޮލަމް# ގދ.ތިނަދޫ# ކޮވިޑް19

DSC_1368-2

އެޑިޓަރުގެ ނޯޓު: މިއީ ގާފު ނޫހުގެ ކޮލަމް ސެކްޝަނަށް ކ.ތޒ ލިޔުއްވާފައިވާ ލިއުމެކެވެ.

ގޮސިޔާ

ރާއްޖޭގައި ނޮވެލް ކޮރޯނާ ވައިރަސް ގެ ކޭސްތައް ފެންނަން ފެއްޓުމާއެކު ކޮންމެ ރަށެއްގައި ރަށު ފެންވަރުގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ( އީ.އޯ.ސީ) ތައް/ ޓާސްކް ފޯސް ގާއިމް ކުރެވިގެން ދިޔައެވެ. ރަށުގެ ކޮންމެ މުއައްސަސާއަކުން ބޭފުޅުން ހިމެނޭގޮތަށް އުފައްދައިފައިވާ މި ޓީމުން އެރަށެއްގައި ކޭސްތަކެއް ފެނިއްޖެނަމަ ކަންތައް ކުރާނެ ގޮތުގެ ފްލޯ ޕްލޭނެއް އެކުލަވާލައި، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ނުވަތަ އެޅިދާނެ ފިޔަވަޅުތައް ޑްރާފްޓް ކުރިއެވެ. އަދި ކޮންމެ މެމްބަރަކަށް ވަކި ޓާސްކްތަކެއް ހަވާލު ކުރެވިގެން ދިޔައެވެ.

އެގޮތުން ގދ.ތިނަދޫ ގައި ވެސް މިފަދަ ޓާސްކްފޯހެއް އެކުލަވާލެވިގެން ދިޔައެވެ. އެހެން ރަށްތަކާއި ޙިލާފަށް ތިނަދޫ ޓާސްކް ފޯސްގެ މެމްބަރުންގެ އަދަދު 30 އަށް ވުރެ ގިނައެވެ. ތިނަދޫ އޭރުގެ ކައުންސިލްގެ އެންމެހާ މެމްބަރުންނާއި ވިޔަފާރިވެރިންވެސް މި ޓީމްގައި ހިމެނެއެވެ. ޢާންމުކޮށް ރަށުގެ ކައުންސިލް ރަޢީސް އާއި ނައިބް ރައީސްގެ އިތުރުން، ރަށުގެ ފޯކަލް ޕޮއިންޓާއި، ހޮސްޕިޓަލް ނުވަތަ ސިއްޚީ މަރުކަޒުގެ މެނޭޖާރ ގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސެސްގެ އެޓޯލް ކޮމާންޑަރ އަދި މޯލްޑިވް ނެޝަނަލް ޑިފެންސް ފޯސް ގެ އޭރިޔާ ކޮމާންޑަރ އަދި ސުކޫލުތައް ތަމްސީލު ކުރުމަށް ބޭފުޅެއްގެ އިތުރުން ޖެންޑާ ގެ ބޭފުޅަކު މި ޓީމުގައި ހިމެނުނު ކަމުގައި ވިޔަސް ތިނަދޫ އެންމެހާ ވިޔަފާރިވެރިންވެސް މި ޓީމަށް ނަގައިފައިވާކަން ފާހަގަ ކުރެވެއެވެ.

އާދެ! ކިތަންމެ ގިނަބަޔަކު މި ޓީމުގައި ހިމެނިގެން ދިޔަ ނަމަވެސް ބާއްވާ ބައްދަލު ވުމަކަށް ހާޒިރުވެވޭ ފަރާތެއް ނުހުރެއެވެ. 30 މެމްބަރުންގެ ޓީމުން ބައްދަލުވުމަށް ހާޒިރުވެވެނީ 10 ވަރަކަށް މެމްބަރުންނަށެވެ. އެއީ ހޮސްޕިޓަލުގެ ޓީމް ހިމަނައިގެންނެވެ. ގިނައީ އުފައްދާފައިވާ ވައިބަރ ގްރޫޕުގައި ވާހަކަ ދައްކާ ނުފޫޒު ފޯރުވާ ބޭފުޅުންނެވެ. ޚާއްސަކޮށް ވިޔަފާރިވެރިންނެވެ. އެކަން އެންމެ ފުރިހަމަ އަށް ފެނިގެން ދިޔައީ ރަށް މޮނިޓަރިންގ އަށް ގެނެވި އޮތް މިނާޒުކު ދަޑިވަޅުގައިވެސް އެކަމުގެ ނުސީދާ ފައިދާ ވިޔަފާރިވެރިން ހޯދަމުން ދިޔަ ކަމެވެ.

ރަށުގެ ކޭސްތައް މަދުނުވެ އިތުރުވަމުން ދިޔަ ދަޑިވަޅުގައިވެސް ކާފިއު ހިންގުމަށް ހުރަސް އަޅައި " ޑާރޓީ ޕޮލިޓިކްސް" ޖެއްސަމުން ދިއުމެވެ. ތިމާމެންގެ ވިޔަފާރިއަށް ބުރޫ އަރާ ގެއްލުން ވާނެ ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއްބަޔަކަށް ވުރެ އަނެއްބަޔެއްގެ ނުފޫޒު ވެރިންގެ މައްޗަށް ފޯރުވައި ތިމާ އަށް މޮޅު ހޯދުމަށެވެ. ސުވާލަކީ މިހާ ގިނަ މެމްބަރުންގެ ޓީމެއް އޮއްވާ އަނެއްކާ ވޮލެންޓިއަރުންގެ އެހީއަށް އެދެން މިޖެހުނީ ކޮންސަބަބަކާ ހުރެތޯއެވެ.

ލޯކަލް ކައުންސިލް އިންތިޙާބު ބާއްވައި، އިންތިޙާބުވެ ވަޑައިގެންނެވި ބޭފުޅުން މަގާމުތަކާއި ހަވާލުވި ނަމަވެސް ތިނަދޫ އީ.އޯސީ ޓީމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ރަށުގެ ހާލަތު އިހުނަށްވުރެ ރަނގަޅުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ދެންނެވުނު އީއޯސީގެ އެތެރެފަރާތް ހަމައަކަށް އަޅުވައި، ރައްޔިތުންގެ ހައްގުގައި ބަސް ބުނެ، މަސައްކަތްކުރާ ތަނެއް ފެނިގެނެއް ނުދެއެވެ.

ތިނަދޫ ގައި އަދިވެސް އޮތީ ވާދަ ވެރިކަމާއި އެކަކު އަނެކަކަށް އިނގިލި ދިގުކޮށް ކުށްވެރި ކުރުމެވެ. މިހުރިހާ ކަމަކުން ދެރަ ލިބިގެން ދަނީ ނިކަމެތި ރައްޔިތު މީހާއަށެވެ. ބަޔަކު ނިންމާ ކުޑަ ނިންމުމަކުން ރައްޔިތުމިހާ އުފުލާ ބުރަ ފެންނާނެ ލޮލެއް ނުހުރެއެވެ.

މިފަދަ ވަރުގަދަ ޓީމެއް އޮތް އިރު ތިނަދޫ ފެމިލީ އެންޑް ޗިލްޑރެން ސާރވިސެސް ސެންޓަރގެ ބޭފުޅެއް މިޓީމުގައި ހުއްޓަސް ހުރިހެނެއް ހިޔެއް ނުވެއެވެ. ސަބަބަކީ ފައްސި ވަމުންދާ ފަރާތްތަކަށް (ކުޑަކުދިންނާއި ދަރިވަރުން ހިމެނޭހެން) ސައިކޮލޮޖިކަލް ސަޕޯރޓް ދޭނެ ފަރާތެއް ނެތްކަމެވެ. އަދި އެފަދަ ޕްރޮގްރާމެއް ހިންގައިފައި ނުވާކަމެވެ. ފައްސި ވަމުންދާ ބޭފުޅުންގެ ދިރިއުޅުމުގައި ލައްގަނޑު ޖެހެމުންދާއިރު އެކަމަށް އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. ފައްސި ވަމުންދާ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ނޭގި ނަމަވެސް ގަނާ ކުރެވެމުންދެއެވެ.

މިކަހަލަ އިޖުތިމާޢީ މައްސަލަ ތައް ބަލައި އީ.އޯ.ސީ ޓީމުން އިހުނަށްވުރެ ވަރުގަދަ ފިޔަވަޅު އަޅަންޖެހެއެވެ. އަދި ހަމަ މިއާއެކު އަލުން އީ.އޯ.ސީ އަށް ބޭފުޅުން އައްޔަން ކޮށް ކުރިއަށްވުރެ ހަރުދަނާ ކުރަން މަސައްކަތް ކުރަންޖެހެއެވެ.

އެޗްޕީއޭގއ އުސޫލު ބުނާ ގޮތުން އެރަށެއްގެ އީއޯސީގައި ހިމެނޭނީ 11 މެމްބަރުންނެވެ.

ހަމަ އެހެންމެ ކުރިޔެކޭ އެއްފަދައިން ރައްޔިތުންނަށް އެންމެ ފަހުގެ ޚަބަރުތައް ގެނެސްދިނުމުގެ ގޮތުން ޕްރެސް ތައް ބާއްވަން ފެނެއެވެ. މިފަދަ ޕްރެސް ތަކުގައި ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީވެސް މުޙިއްމު ކަމެކެވެ. ސަބަބަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދާ ބަޔަކަށް ވެފައި އޮންނަނީ ނޫސްވެރިން ކަމަށްވާތީ އެވެ.

މާދަމާ ރޭގެ ވަގުތެއްގައި ތިނަދޫ އީއޯސީން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ބައްދަލުވުމަކީ ނޫސްވެރިންގެ ބައިވެރިވުމެއް އޮތް ބައްދަލުވުމެއް ނޫން ކަމާއި، ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނެތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސުވާލަކީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލްކަން އީއޯސީގައި ނެތީ ތޯއެވެ؟ އެހެން އެކަން ވެއްޖެ ނަމަ ތިނަދޫގެ އީއޯސީ އޮތީ ފެއިލްވެފައެވެ. ނޫސްވެރިންނާ ކުރިމަތި ލުމަކީ ރައްޔިތުންނާ ކުރިމަތިލުމެވެ. އެކަން ނުކުރެވޭ ނަމަ އެ ބޭބޭފުޅުންގެ ގާބިލްކަމެއް ނެތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ