logoEN
cocacola
އުޅެއުޅެ ނުނިމުނު އެއްޗެއް، ކޮންއެއްޗެއް؟

އުޅެއުޅެ ނުނިމުނު އެއްޗެއް، ކޮންއެއްޗެއް؟

# ރިޕޯޓު# އޭލެވެލް

171493_3_867f3a1f9253d7f9d94adee804f5458f6648d393_large

2019 ވަނަ އަހަރު އޭލެވެލް ހެދުމަށް ސްކޫލްތަކާ ގުޅުނު ބެޗަކީ ވަރަށް ނަސީބު ދެރަ ބެޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާންމު ގޮތެއްގައި ދެ އަހަރުން ނިންމާލެވޭ އޭލެވެލް ތިންއަހަރު ވެގެން ދިޔައިރުވެސް އަދިވެސް ނިންމާލެވޭ ގޮތް މިވަނީ ނުވެފައެވެ. އެއީ ކޮންމެ ފަހަރަކުވެސް ތަފާތު އެތައް ސަބަބަކާ ގުޅިގެންނެވެ.

ގޮސިޔާ

2019 ވަނަ އަހަރުގެ ފަހުކޮޅުގައި އޭއެސް ލެވެލް އިމްތިހާނު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމިއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ އަހަރު އިމްތިހާނު ބޭއްވޭ ގޮތް ނުވިއެވެ. ދެން އައީ 2020 ވަނަ އަހަރެވެ. ޑްރާމާ ބޮޑު އަހަރެކެވެ. ކޮވިޑުގެ ބަލިމަޑުކަން ފެތުރިގެން ދިޔަ ހަލުއި މިނުން ދިވެހި ސަރުކާރަށް ކޮވިޑާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވިއެވެ. އެ އެޅި ފިޔަވަޅުތަކުގެ ތެރެއިން ސްކޫލްތައް ބަންދުކޮށް އެ އަހަރުގެ މެއި/ޖޫން ގައި ބާއްވަން ހަމަޖެހިފައި އޮތް އޭއެސް ލެވެލް އިމްތިހާނު ނުބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމިއެވެ. މިއާއެކު އިމްތިހާނަށް ބޮޑެތި ތައްޔާރީތަކެއް ވި ދަރިވަރުންނަށް ޖެހުނީ އަނެއްކާވެސް ކެތްތެރިކަން އިޚުތިޔާރު ކުރާށެވެ.

ދަރިވަރުންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބުނީ އެ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޭއެސް ލެވެލް އިމްތިހާނު ބާއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކުރުމުންނެވެ. މިއާއެކު ގިނަ ދުވަސްތަކެއް ވަންދެން ކިޔެވުމާ ދުރުގައި ތިބި ދަރިވަރުންވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް އާ ހިތްވަރަކާއި އެކު ކިޔަވައި އިމްތިހާނަށް ތައްޔާރުވިއެވެ. އަދި ނަސީބު ކަންދިމާކުރިގޮތުން އެއްވެސް މައްސަލައެއް ނުޖެހި އެ އަހަރު އޭއެސް އިމްތިހާނު ހަދާ ނިންމާލެވުނެވެ.

މި އަހަރު، 2021 ވަނަ އަހަރު މި ދަރިވަރުން ސްކޫލަށް ދިޔައީ މެއި/ޖޫން ގައި މަތީ ސާނަވީ އިމްތިހާނު އެއްކޮށް ނިންމާލެވޭނެކަމުގެ އުންމީދުގައެވެ. މި ދަރިވަރުން ފޮނި ހުވަފެންތަކަކާއެކު ކިޔެވުން ފަށައިގެން ކުރިއަށް ގެންދަނިކޮށް އެޑެކްސެލް އިން މެއި/ޖޫން ގައި އޮންނަ އިމްތިހާނު ނުބާއްވާނެކަމަށް އިޢުލާނު ކުރިއެވެ. މިއާއެކު އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް އަލި މަގެއް ފެނޭތޯ އެޑެކްސެލް އާ މަޝްވަރާކޮށް ޓީޗާރސް ބޭސްޑް އެސެސްމެންޓް އެއް ދޭން ހުށައެޅިއެވެ. ނަމަވެސް ގިނަ ދަރިވަރުންނާއި ބެލެނެވެރިންގެ ޝަކުވާއާ އެއްކޮށް މިނިސްޓްރީން އަނެއްކާވެސް އެޑެކްސެލް އާ މަޝްވަރާކޮށް ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއިން އިމްތިހާނު އަވަސްކޮށް އޭޕްރިލްގައި އިމްތިހާނު ބާއްވާ ގޮތަށް ނިންމިއެވެ.

ކޮންމެއަކަސް މިހާރު އެ އިމްތިހާނުގެ ބައެއް ޕޭޕަރުތައް ހަދައިފިއެވެ. އަދި އިމްތިހާނު ނުނިމެނީސް ނިންމާވެސްލައިފިއެވެ. މިފަހަރު އިމްތިހާނު ކެންސަލް ކުރަން ޖެހުނީ ޕޭޕަރުތަކެއް ލީކުވެގެންނެވެ. އެއްވެސް ދަރިވަރަކު އެޑެކްސެލްގެ ޕޭޕަރުތަކެއް ލީކުވެގެން އިމްތިހާނު ކެންސަލް ވެދާނެކަމަށް ކުޑަކޮށްވެސް ހީނުކުރެއެވެ. ނަމަވެސް އެކަންވެސް ވެއްޖެއެވެ. ކިތަންމެ ނުވާން ބޭނުން ވިޔަސް ވާން ހުރި ކަމެއް ވިއްޔާ ވާނެތާއެވެ.

ދެން ބުނީ އަވަހަށް އިމްތިހާނު ނިންމަން ބޭނުންވާ ދަރިވަރުންނަށް ޓީޗާރސް ބޭސްޑް އެސެސްމެންޓް އެއް ދޭނެ ވާހަކައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕަށް ވާދަކުރަން ބޭނުންނަމަ ހަދަން ޖެހޭނީ އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ އިމްތިހާނުކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި މި މައުލޫމާތުތަކާއެކު ގިނަ ދަރިވަރުންތަކެއްގެ ނުރުހުން އެ މިނިސްޓްރީއަށް އަމާޒުވިއެވެ. އެގޮތުން ހަމަ އެކަނި ލީކު ވި ޕޭޕަރުތައް ރީސިޓް ކުރަން ޖެހޭ ގޮތަށް ނުހަދައި، މުޅި އެގްޒާމް ސީރީޒް އެއްކޮށް ކެންސަލް ކޮށްލުމުން ގިނަ ދަރިވަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ނިންމާނެ ނިންމުމެއް މިހާރު އެ އޮތީ ނިންމާފައެވެ. ދެންވެސް އޮތީ އާދައިގެ މަތިން ކުރިއަށް އޮތް އިމްތިހާނަށް ތައްޔާރުވުމެވެ. ދެން އޮތް އިމްތިހާނަށް ވާނެ ގޮތެއްވެސް ނޭނގޭތާއެވެ. އިމްތިހާނަށް ވާނެ އެއްޗެއް އެނގޭނީ އެންމެ ފަހު ވަގުތުއެވެ. އޮތް ގޮތަކީ ﷲ އަށް ވަކީލު ކޮށްގެން ތިބުމެވެ. ކޮންމެވެސް އެއް ވަގުތެއްގައި މިކަމަށްވެސް ނިމުން އަންނާނެ ނޫންހެއްޔެވެ. ހަމަ ގައިމުވެސް ރައީސް މައުމޫންގެ ޒަޢާމަތައްވުރެ އޭލެވެލް ދިގެއް ނުވާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ