
EzkYNwHUYAQ2tt7
ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން، އެމްޑަބްލިޔުއެސްސީގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް ހަތަރު ދަރިވަރަކަށް ސްކޮލާޝިޕް ފުރުސަތު ފަހި ކޮށްދެއްވައިފިއެވެ.

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހުކުރުމުގެ ގޮތުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީގެ ފަރާތުން ސްޕޮންސާ ކުރާ ހަތަރު ދަރިވަރުން ތަމްރީނު ކުރެވޭނީ އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މި ދާއިރާތަކުންނެވެ. ހަތަރު އަހަރު ދުވަހުގެ މި ކޯސްތައް ފުރިހަމަކުރުމަށް 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރާ ގޮތަށް އެ ކުންފުނިންވަނީ ނިންމައިފައެވެ.
ރާއްޖޭގައި ތެރަޕިއުޓިކް ހިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހިދުމަތްތަކެއް ނަމަވެސް، މި ދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުވުމުން މި ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ.