
-
އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، އިއްޔެއާއި މިއަދު ކުރިއަށްގެންދެވި ބައެއް ބައްދަލުވުންތަކުގައި އެމަނިކުފާނު ވަނީ މި ނިންމެވުން ޕާޓީގެ ބައެއް އިސް ބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ވާހަކަ، އެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެހެން ބައެއް ބޭފުޅުންނާވެސް ރައީސް ޞާލިޙު ވަނީ ޙިއްޞާކުރައްވާފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާކަން ވަނީ އެނގިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވެސް ވަނީ އިޢުލާނުކުރައްވާފައެވެ. ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާއިރު، މިއާއެކު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ޞާލިޙު ރާއްޖޭގައި ވެރިކަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ޓިކެޓުގައި ވެރިކަން ކުރެއްވި 2 ވަނަ ރައީސެވެ. ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބު 2008 ވަނަ އަހަރު ކާމިޔާބުކުރީވެސް އެމްޑީޕީންނެވެ. އެފަހަރު އެ އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް ނަޝީދެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ރައީސް ޞާލިޙެވެ.
ގުޅުންހުރި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ޞާލިޙު ނިންމަވައިފި

ސޯލިހުގެ މަރުހަބާ ނަޝީދުއަށް: "ކުރަން ހުރި ސިޔާސީ މަސައްކަތް ވަރަށް ގިނަ، ދެން އޮތީ އެންމެން އެކީ ކުރިއަށް ދިއުން"

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން އެނގިގެންދަނީ އިންޑިޔާއިން ދިވެހިންނަށް ކުރާ އިޙްތިރާމުގެ ބޮޑުކަން - ސޯލިހް




