
މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން އެނގިގެންދަނީ އިންޑިޔާއިން ދިވެހިންނަށް ކުރާ އިޙްތިރާމުގެ ބޮޑުކަން - ސޯލިހް
# ރައީސް ސޯލިހު-
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މާދަމާ ކުރައްވާ ދަތުރުފުޅުން އެނގިގެންދަނީ އިންޑިއާއިން ދިވެހިންނަށް ކުރާ އިހްތިރާމުގެ ބޮޑުކަން ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒިރު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައި އެވެ.
މޯދީގެ މި ދަތުރުފުޅާއި ގުޅިގެން ކުރީގެ ރައީސް ސޯލިހް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިވަން ދުވަހުގެ 60 ވަނަ އަހަރީ ފާހަގަކުރުމުގެ ރަސްމީ ޙަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީ ވަޑައިގަތުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާކަމަށެވެ.
އިންޑިއާ އަކީ ރާއްޖޭގެ ޒަމާންވީ އަދި އިތުބާރު ކުރެވޭ ގާތް ރަހުމަތްތެރި ގަައުމެއްކަން ފާހަގަ ކުރައްވައި ސޯލިހް ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް މޯދީގެ ދަތުރުފުޅުން އިންޑިއާއިން ދިވެހިންނަށް ކުރާ އިހްތިރާމުގެ ބޮޑުކަން އެނގިގެންދާ ކަމަށެވެ.
ސޯލިހް ވަނީ މޯދީގެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައި އެވެ.
ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ގާތް ގުޅުމެއް އޮތް އިރު ސޯލިހްގެ ވެރިކަމުގައިވެސް މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެގޮތުން ސޯލިހް 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހަފްލާގައިވެސް މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 2019 ވަނަ އަހަރު ރަސްމީ ދަތުރުފުޅެއްގައިވެސް މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ ދެދުވަހުގެ ދަތުރުފުޅެއްގައި އެވެ. އެގޮތުން މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ތިންވަނަ ދައުރަކަށް ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއިއެކު ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާތައް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ދަތުރުފުޅެއް މިކުރައްވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުހިންމު ތާރީޚީ މުނާސަބަތާވެސް ދިމާކޮށެވެ.