
-
ބ. ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އަލުން އިއުލާންކޮށްފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި ޓާމިނަލް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 އެވެ. އަދި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހެވެ. މިއީ މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭގޮތުގައި ކޮންޓްރެކްޓަރު ހޮވުމުގައި، މީގެ ކުރިން އެފަދަ މަޝްރޫއުތައް ހިންގާފައިވާ ފަރާތްތަކަށާއި، 50 މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދޭނެއެވެ. އަދި މި ކޮންޓްރެކްޓުގެ ދަށުން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެކަމަށް އެ ކުންފުނިން ވަނީ ޝަރުތުކޮށްފައެވެ.
ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސަރވިސް ކިއޮސްކްތަކުގެ އިތުރުން 3 ގޭޓު ހިމެނޭނެއެވެ. މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ ބޭބީ ކެއަރ ފެސިލިޓީއެއްވެސް ހިމެނެއެވެ. މި މަޝްރޫއު ނިމުމުން އެއްވަގުތެއްގައި 3 ބޯޓަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.
އޮކްޓޫބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓަށް ވުރެ ގިނަ ފްލައިޓް ޖައްސާ ވަރަށް ބާރުބޮޑު އެއާޕޯޓެކެވެ. މިހާތަނަށް ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގަމުން އައި މި އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށްޓަކައި ސަރުކާރުން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިއަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ޒަމާނީ ފަރުމާއަކާއެކު ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރާނެ ބަޔަކު ހޯދަނީ

ދަރަވަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފި




