logoEN
PNC TOP 3
މިހާތަނަށް ރާއްޖޭގައި ތަރައްގީކުރާ އެންމެ ރީތި އެއް ޑޮމެސްޓިކް ޓާމިނަލާއިއެކު ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މިހާތަނަށް ރާއްޖޭގައި ތަރައްގީކުރާ އެންމެ ރީތި އެއް ޑޮމެސްޓިކް ޓާމިނަލާއިއެކު ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

4/1/2026, 4:24:06 PM

# ބ. ދަރަވަންދޫ

-

ބ ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

PNC MID 2

މިއަދު ދަރަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައިސަރުކާރުން ވަނީ ދަރަވަންދޫ އެއާޕޯޓު ރަސްމީކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.

އަދި މިއާއިއެކު މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ވެސް އަމަލީގޮތުން ފަށާފައި އެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާންއާއި، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއާއި، ޑީއެމްޑީ ޢަލީ ސަލީމުގެ އިތުރުން އެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއަދު އަމަލީ މަސައްކަތް ފެށުނު މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ޓާމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އައިލޭންޑް އެވިއޭޝަނުން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއް އިމާރާތް ކުރާނެއެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކާއި، ޑިޕާޗަރ ގޭޓެއް އިތުރުކުރުން ހިމެނެއެވެ.

މި މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްފައިވަނީ، އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސަރވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެއެވެ.

މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ 'ބޭބީ ކެއަރ' ފެސިލިޓީއެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.

ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި އެއާޕޯޓު ތަރައްޤީ ކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި ދަރަވަންދޫގެ އިތުރުން ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރާނެ ކަމަށެވެ. މި މަސައްކަތް އައިލެންޑް އޭވިއޭޝަނާ ޙަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު އިޢުލާނުކުރެއްވީ، މިދިޔަ އަހަރުގެ އޯގަސްޓް މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC