
މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސިވިލް ސާވިސްގެ ޚާއްސަ މަހާސިންތާއެއް!
# ހެލްތު މިނިސްޓްރީ-
މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްސަ މަހާސިންތާއެއް ފަށައިފިއެވެ.

އޯގަސްޓް މަހުގެ 12-13 އަށް ކުރިއަށް ގެންދާ މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހަރުދަނާކަން އިތުރުކުރުމެވެ.
މި މަހާސިންތާގައި މަސައްކަތުގެ މާޙައުލުގައި ދިމާވާ ނަފްސާނީ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ވެރިންގެ ދައުރު ފުޅާކުރުމަކީވެސް މި މަހާސިންތާގެ މުހިންމު އަމާޒެކެވެ.
މިއަދު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ފަސްދޮޅަސް އިންސައްތަ މީހުން ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވަމުންދާއިރު، ކޮންމެ މަސައްކަތްތެރިއަކަށްމެ ރައްކާތެރި، ދުޅަހެޔޮ އަދި އެހީތެރި މަސައްކަތުގެ މާހައުލެއް ފަހިވެފައި އޮތުމަކީ އިންސާނީ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނަފްސާނީ ބަލިމަޑުކަމާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް މުޅި ދުނިޔެއިން ގެއްލިގެންދެއެވެ. މިއީ އިގްތިސާދީ ގޮތުން ބަލާއިރު، އުފެއްދުންތެރިކަމުން އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ އުނިވުމެކެވެ. ރާއްޖެއަށް ބަލާއިރު، ދެހާސް އެކާވީސްވަނަ އަހަރު ކުރެވުނު ސްޓެޕްސް ސާވޭއިން ހާމަވާގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމަތްތައް ތަހައްމަލުކުރާ މީހެކެވެ. މިއާއެކު، ވަޒީފާގެ ޒިންމާތައް އަދާކުރުމާއި، މައްސަލަތައް ހައްލުކުރުމާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މުވައްޒަފެއްގެ ނަފްސާނީ ދުޅަހެޔޮކަމަކީ ކާމިޔާބީގެ އަސްލުކަމުގައި މި މަހާސިންތާގައި ވަނީ އަލިއަޅުވާލާފައެވެ.
މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަސައްކަތުގެ މާޙައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ނުތަނަވަސްކަމާއި، ވަޒީފާގެ ރައްކާތެރިކަން ނެތުން ފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. މަސައްކަތުގެ މާޙައުލުގައި ސްޓްރެސް، ހާސްކަން އަދި ބާންއައުޓް ފަދަ މައްސަލަތައް އިތުރުވަމުންދާއިރު، މިއަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ މުވައްޒަފުން ވަޒީފާއަށް ނުނިކުތުން އިތުރުވެ، ވަޒީފާ ދޫކޮށްދާ މީހުން ގިނަވެ، ޓީމުގެ މޯރަލް ދަށްވެގެންދާނެއެވެ. މަހާސިންތާގައި ވާހަކަދެއްކެވި ތަޖުރިބާކާރުން ފާހަގަކުރެއްވި ގޮތުގައި، މަސައްކަތުގެ މާޙައުލުގެ ސަގާފަތް ބައްޓަންކުރުމުގައި މުއައްސަސާތަކުގެ އިސްވެރިންގެ ދައުރު ވަރަށް ބޮޑެވެ. މުވައްޒަފުންގެ އަޑުއަހާ، އަޅާލުމާއި ހަމްދަރުދީ އިސްކުރާ ވެރިއެއްގެ ސަބަބުން މުވައްޒަފުންނަށް ރައްކާތެރިކަން އިހުސާސްކުރެވި، މުޅި ޓީމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުގެ ސަބަބުން ގިނަ ބަޔަކު އެހީތެރިކަން ހޯދަން ފަސްޖެހޭއިރު، އެއްވެސް ބިރުވެރިކަމެއް ނެތި އެހީތެރިކަމަށް އެދެވޭނެ މާޙައުލެއް ގާއިމުކުރުމަކީ މުއައްސަސާތަކުން ކުރަން މަޖުބޫރު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. މި މަހާސިންތާގެ ތެރެއިން އަހަރު ދުވަހަށް ތާވަލްކުރެވިގެން އެ މުއައްސަސާއެއްގައި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭނެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރެވޭނެ ގޮތްތަކެއް ރޭވިގެންދާނެއެވެ. އަދި މިކަންކަން ތަންފީޒުކުރެވޭ މިންވަރު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިވި މި މަހާސިންތާއަކީ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސާރވިސް ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ ސެޝަންތައް ނަންގަވައިދެއްވީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތު ސެންޓަރުގެ އިތުރުން މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންގެ ފަންނީ ބޭފުޅުންނެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާޙުކޮށްފި

މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސިވިލް ސާވިސްގެ ޚާއްސަ މަހާސިންތާއެއް!

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް




