
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް
# ހެލްތު މިނިސްޓްރީ# ކުޑަކުދިންހެލްތު މިނިސްޓަރ ޤީލާ ޢަލީ
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ މީޑިއާ އަދި މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގުނު ގޮތާއި މެދު ދައުރުވަމުންދާ ޚަބަރާއި ގުޅިގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުން، އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުން އަދި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.
މީގެއިތުރުން ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތްތަކުގައިވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން މައިންބަފައިންގެ ގާތުގައި ބަހައްޓައިގެން ކުއްޖާގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް އިސްކަންދޭނެ ކަމަށާއި މައިންބަފައިންގެ ގާތުގައި ނުބެހެއްޓޭ ހާލަތްތަކުގައި، އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފަރާތެއް ހުރިނަމަ އެފަރާތަކާ ހަވާލުކުރުމަކީ ދައުލަތުން އިސްކުރާނެ ކަމެއް ކަމުގައި ވަނީ ބުނެފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންދާނީ މައިންބަފައިންނާއި އާއިލާއަށްވެސް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭ ހާލަތްތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައެވެ.
މީގެއިތުރުން، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ އާއި މައިންބަފައިން ވަކިކުރުމަށް އޮތް ޞައްޙަ ސަބަބެއް ނޫންކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތްތަކުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތުން ފިޔަވަޅު އަޅައި، ކުއްޖާ ހުރި މާހައުލުން ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއި ނުވަތަ ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓްރީން ވަނީ މީޑިއާ އަދި މީސް މީޑިއާގައި ނާޒުކު ހާލަތްތަކުގައިވާ ކުދިންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ޞައްޙަނޫން ޚަބަރުތައް ފެތުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ ޚަބަރުތަކުގެ ސަބަބުން އެކުދިން އިތުރު ނާޒުކު ހާލަތަކަށް ހުށަހެޅިގެންދާނެތީ، ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކުގެ ޚަބަރުތައް ދައުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ޞައްޙަ ނޫން މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަބަދުވެސް އަމަލުކުރާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް

ކްލިނިކަލް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން ލަންކާގެ ހޮސްޕިޓަލަކާއެކު ސޮއި ކޮށްފި

އެން.އޭ.ޕީ.ޑީ.އައި: 2027 ވަނަ އަހަރުގެ ވޯކްޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި
.jpeg&w=3840&q=75)



