
-
ހޮލީވުޑްގެ މަޝްހޫރު އެކްޓަރ އަދި ކޮމީޑިއަން އެޑަމް ސެންޑްލަރގެ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ "ހެޕީ މެޑިސަން ޕްރޮޑަކްޝަންސް" ގެ ލޯގޯއަކީ ފިލްމު ބަލާ ގިނަ ބަޔަކަށް ވަރަށް ފަރިތަ މަންޒަރެކެވެ.

ކޮންމެ ފިލްމެއް ފެށުމުގެ ކުރިން، ގޮލްފް ކުޅޭ ދަނޑެއްގައި އުމުރުން ދުވަސްވީ މީހަކު ގޮލްފް ބޯޅައެއްގައި ޖެހުމަށްފަހު، ސްކްރީނާ ދިމާއަށް ބަލައިލަމުން ހިނިތުންވުމަކާއެކު "ޓެރިފިކް!" އޭ ބުނާ މަންޒަރު ފެނިގެންދެއެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ މި ލޯގޯއިން ފެންނަ މީހަކީ ކާކުކަމާއި، އޭގެ ފަހަތުގައިވާ އަސަރުގަދަ ވާހަކައެވެ.
މި މަޝްހޫރު ލޯގޯއިން ފެނިގެންދަނީ އެޑަމް ސެންޑްލަރގެ ބައްޕަ، ސްޓޭންލީ ސެންޑްލަރ އެވެ. އެޑަމް މި ލޯގޯ ފަރުމާކޮށްފައިވަނީ އޭނާގެ ބައްޕައަށް ދޭ ޚާއްޞަ ޓްރިބިއުޓެއް ނުވަތަ ޝަރަފެއްގެ ގޮތުގައެވެ.
1999 ވަނަ އަހަރު އުފެއްދި މި ކުންފުނީގެ ނަން ކަމަށްވާ "ހެޕީ މެޑިސަން" ނެގިފައިވަނީ އެޑަމް ސެންޑްލަރގެ ކެރިއަރުގެ ކުރީކޮޅު ނެރުނު އެންމެ ކާމިޔާބު ދެ ފިލްމު ކަމަށްވާ 'ހެޕީ ގިލްމޯރ' އަދި 'ބިލީ މެޑިސަން' ގެ ނަންތައް އެއްކޮށްލައިގެންނެވެ. ލޯގޯގައި ގޮލްފް ކުޅޭ މަންޒަރު ހިމަނާފައިވަނީ ވެސް 'ހެޕީ ގިލްމޯރ' ފިލްމާ ގުޅުވައިގެންނެވެ.
އެޑަމް ސެންޑްލަރގެ ބައްޕަ، ސްޓޭންލީ ސެންޑްލަރ ވަނީ 2003 ވަނަ އަހަރު ފުއްޕާމޭގެ ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްފައެވެ. ލޯގޯގައި ފެންނަނީ ސްޓޭންލީގެ ސޫރަ ނަމަވެސް، ލޯގޯއިން އިވޭ "ޓެރިފިކް" މި އަޑަކީ އަސްލު އޭނާގެ ބައްޕަގެ އަޑެއް ނޫންކަން އެޑަމް ސެންޑްލަރގެ ވަނީ ޕޮޑްކާސްޓެއްގައި ހާމަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ ބައްޕަ މަރުވި ފަހުން، ބައްޕަ ވާހަކަދައްކާ ގޮތަށް އަޑު ބަދަލުކޮށްގެން އޭނާ އަމިއްލައަށް ރެކޯޑުކޮށްފައިވާ އަޑެކެވެ.
މިކަމާ ގުޅޭގޮތުން އޭނާ އިތުރަށް ބުނީ، އޭނާގެ މަންމައަށް ވެސް އެއީ ހަމަ ބައްޕަގެ އަޑުކަމަށް ހީކުރެވޭ ކަމަށެވެ. އަދި މަންމަގެ ހިތުގައި ޖެހިދާނެތީ، އެއީ އޭނާ ގެ އަޑުކަން މަންމަ ގާތުގައި ނުބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުން ބަލާ ފިލްމުތަކުގެ ފެށުމުގައި މި ލޯގޯ ދެއްކުމުގެ ސަބަބުން، އެޑަމް ސެންޑްލަރ ވަނީ އޭނާގެ ބައްޕަގެ ހަނދާންތައް ސިނަމާގެ ތާރީޚުގައި އަބަދަށްޓަކައި ދިރުވާފައެވެ.
މީގެ އިތުރުން '50 ފަސްޓް ޑޭޓްސް' އަދި 'ހަސްލް' ފަދަ ފިލްމުތަކުގައިވެސް އެޑަމް ވަނީ އޭނާގެ ބައްޕައަށް ޚާއްޞަ ޓްރިބިއުޓްތައް ދީފައެވެ. މިއީ ފެންނަ ފެނުމަށް ސަމާސާ ލޯގޯއެއް ކަމަށް ހީވި ނަމަވެސް، އޭގެ ފަހަތުގައި ވަނީ ބައްޕައަކާއި ދަރިއަކާ ދެމެދު އޮތް ވަރަށް އަސަރުގަދަ އަދި ލޯބި ގުޅުމެކެވެ.






