
ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
# މޫސުމާއިބެހޭ ގައުމީ އިދާރާ-
ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

މިއަދު މެންދުރުފަހު މެޓް އޮފީހުން އާންމުކުރި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާތީ، އޮގަސްޓް 11 އަދި 12 ވަނަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ.
އަދި ބައެއް ވަގުތުތަކުގައި އަދާޔާ ހިލާފަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައި، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެއްވައެވެ.






