
ކުރީ ސަރުކާރުން ހަވާލުކުރި ސިއްހީ މަޝްރޫއުތައް ދިގުލައިގެން ގޮސް ދައުލަތަށް ބޮޑެތި ގެއްލުންތަކެއް!
# ހެލްތު މިނިސްޓްރީ-
އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ސިއްހީ ދާއިރާގެ އެކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓަރުންނަށް ދޫކުރި ފައިސާގެ ތެރެއިން 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭކާރުވެ، އިސްރާފުވެފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުގައި ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކޮށް، އެ ފަރާތްތަކަށް އެޑްވާންސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށި، ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން، އެގޮތަށް ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ގޮތްތަކެއް ސަރުކާރުން އަންނަނީ ބަލަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ފައިސާ ދޫކޮށް މަސައްކަތް ނުފެށި ހުރި 16 މަޝްރޫއެއްގެ ކޮންޓްރެކްޓް މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި މި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރައްވައި، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސިއްހީ ހިދުމަތުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ގާނޫނީގޮތުން އެ ފައިސާ ހޯދުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގައި ސިއްހީ ދާއިރާގެ 166 އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ސިއްހީ ދާއިރާގެ ބިނާރުތައް ހަރުދަނާކުރުމަށްޓަކައި މުޅި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއްދީފައި އޮތީ އަދި އެންމެ ގިނަ ފައިސާ ހަމަޖައްސާފައިވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތަކާއި ޕްރޮގުރާމުތަކަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މި ދައުރުގައި 18 ރަށެއްގައި އަލަށް ލެބޯޓަރީ ގާއިމުކޮށްފި، އަމާޒަކީ ދައުރު ނިމޭއިރު ހުރިހާ ރަށަކަށް މި ޚިދުމަތް ދިނުން - ގީލާ

ކުރީ ސަރުކާރުން ހަވާލުކުރި ސިއްހީ މަޝްރޫއުތައް ދިގުލައިގެން ގޮސް ދައުލަތަށް ބޮޑެތި ގެއްލުންތަކެއް!

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި




