
-
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ސިއްހީ ޓެސްޓުތަކަކާއި ޚާއްސަ ޕްރޮސީޖަރެއް ފުރިހަމަކުރެއްވުމަށް ހޮސްޕިޓަލުގައި ދެ ދުވަސް ވަންދެން އެޑްމިޓްކޮށްފައިވާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ބޮޑުވަޒީރުގެ އޮފީހުގެ ސީނިއަރ ޕްރެސް ސެކްރެޓަރީ ތުންކޫ ނަޝްރުލް އަބައިދާ ހޯމަ ދުވަހު ވިދާޅުވީ، އަންވަރު ފަރުވާ ހޯއްދަވަނީ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް، މިއީ ސީދާ ކޮން ބައްޔަކާ ގުޅޭ ނުވަތަ ކޮން ގުނަވަނަކާ ގުޅޭ ޕްރޮސީޖަރެއް ކަމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަޝްރުލް ވަނީ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. "އަޅުގަނޑުމެން ދުޢާކުރަނީ ބޮޑުވަޒީރުގެ ސިއްހީ ކަންކަން ފަސޭހަވެ، ދާއިމީ ހެޔޮ ސިއްހަތެއް މިންވަރުކުރެއްވުމަށް. އަދި މާތްﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް އާންމު ހާލަތަށް ރުޖޫއަވެ މަގާމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު ސިއްހީ ފަރުވާއަށް ހޮސްޕިޓަލަށް ވަޑައިގެންކަން އިއުލާނުކޮށްފައިވަނީ އެމަނިކުފާނުގެ 79 ވަނަ އުފަންދުވަހުއެވެ. އޮގަސްޓް 10، 1947 ގައި އުފަންވެވަޑައިގެންނެވި އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 2022 ގައެވެ.
މިއަހަރުގެ ޖަނަވަރީ މަހުވެސް އަންވަރު ވަނީ އާންމު ސިއްހީ ތަހުލީލުތަކެއް (ރޫޓީން މެޑިކަލް ޗެކަޕް) ހައްދަވާފައެވެ. އޭރު ޑޮކްޓަރުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށާއި، ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މީގެ ކުރިން އަންވަރު ވަނީ ބުރަކަށީގެ އަދި ކޮނޑުހުޅުގެ މައްސަލަތަކަކަށް ފަރުވާ ހޯއްދަވާފައެވެ. ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރުގެ ޖޫން މަހު ކޮނޑާއި ބުރަކަށީގެ ރިއްސުންތަކަކާ ގުޅިގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އޭގެ މަހެއް ފަހުން ތުރުކީގެ އިސްތަންބޫލްގައި ބުރަކަށީގެ އޮޕަރޭޝަނެއްވެސް ކުރެއްވިއެވެ. އަދި އޭގެ ފަހުން ކޮނޑުގެ އޮޕަރޭޝަނެއް ކުރަންވެސް ޝެޑިއުލްކުރެވުނެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ޕްރޮސީޖަރަކީ ކުރީގެ އެ ސިއްހީ މައްސަލަތަކާ ގުޅުންހުރި ކަމެއްކަން އަދި އެނގިފައެއް ނުވެއެވެ.
ގުޅުންހުރި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިސްރާއީލަށް ފޮނުވަން އުޅުނު ކަމަށް ޝައްކުކުރެވޭ ކޮންޓޭނަރެއް މެލޭޝިޔާގެ ބަނދަރަކުން ހިފަހައްޓައިފި

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ސްޓްރީޓް ސޮކަރ މުބާރާތެއް ބާއްވައިފި




