logoEN
WAMCO TOP 1
އިސްރާއީލަށް ފޮނުވަން އުޅުނު ކަމަށް ޝައްކުކުރެވޭ ކޮންޓޭނަރެއް މެލޭޝިޔާގެ ބަނދަރަކުން ހިފަހައްޓައިފި

އިސްރާއީލަށް ފޮނުވަން އުޅުނު ކަމަށް ޝައްކުކުރެވޭ ކޮންޓޭނަރެއް މެލޭޝިޔާގެ ބަނދަރަކުން ހިފަހައްޓައިފި

އަހުމަދު ޝުރާއު

logo

8/9/2026, 10:24:39 AM

# މެލޭޝިޔާ

-

އިސްރާއީލަށް އެކްސްޕޯޓްކުރުމަށްޓަކައި މުދާ ބަރުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ކޮންޓޭނަރެއް މެލޭޝިޔާގެ ޓަންޖުންގް ޕެލެޕާސް ބަނދަރުން އެ ގައުމުގެ ބޯޑަރ ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އެޖެންސީ (އޭކޭޕީއެސް) އިން އިއްޔެ ހިފަހައްޓައި، ބަލައި ފާސްކޮށްފި އެވެ.

THE TRAVELLER AD

މެލޭޝިޔާގެ އޭކޭޕީއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޝިޕްމަންޓަކީ މެލޭޝިޔާގެ ކަސްޓަމްސް (ޕްރޮހިބިޝަން އޮފް އެކްސްޕޯޓްސް) އޯޑަރު 2023 ގެ ދެވަނަ ތާވަލުގެ 15 ވަނަ މާއްދާއާ ޚިލާފަށް އިސްރާއީލަށް ސީދާކޮށް ނުވަތަ ނުސީދާކޮށް މުދާ ބޭރުކުރުން މަނާކުރާ ގާނޫނާ ޚިލާފަށް ފޮނުވަން އުޅުނު މުދާ ކަމަށް ޝައްކުކުރެވޭ ކޮންޓޭނަރެއް ކަމަށެވެ.

މިއީ މެލޭޝިޔާ ސަރުކާރުން އިސްރާއީލާމެދު ގެންގުޅޭ ސިޔާސަތުތަކާއި އަންގަވާފައިވާ އެންގެވުންތަކާ ސީދާ ޚިލާފު އަމަލެކެވެ.

އޭކޭޕީއެސްއިން އިތުރަށް ހާމަކުރި ގޮތުގައި، އެ ކޮންޓޭނަރުގައި ހުރި މުދަލުގެ ބާވަތާއި، ސްޕެސިފިކޭޝަންތަކާއި، ބޭނުންކުރުމަށް ގަސްދުކޮށްފައިވާ ގޮތުގެ އިތުރުން މުދަލުގެ ކްލެސިފިކޭޝަން ކަށަވަރުކުރުމަށްޓަކައި ކަމާބޭހޭ މުއައްސަސާތަކާއި އެޖެންސީތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި އެ މުދަލަކީ މެލޭޝިޔާގެ ސްޓްރެޓީޖިކް ޓްރޭޑް އެކްޓް 2010 (އެކްޓް 708) އާއި އެއާ ގުޅޭ ގަވާއިދުތަކުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ ސްޓްރެޓީޖިކް މުދަލުގެ ތެރޭގައި ހިމެނޭ ތަކެތި ތޯ ބެލުން ހިމެނެއެވެ.

އިސްރާއީލާ ގުޅޭގޮތުން މެލޭޝިޔާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި، ގާނޫނީ ހުރަސްތަކާ ޚިލާފުވާ އެއްވެސް އަމަލަކަށް މެލޭޝިޔާއިން ދޫނުދޭނެ ކަމަށް އޭކޭޕީއެސްއިން ވަނީ ނުހަނު ވަރުގަދައަށް ފާހަގަކޮށްފައެވެ.

އެ އެޖެންސީން ބުނި ގޮތުގައި، މެލޭޝިޔާގެ "މަދަނީ" ސަރުކާރުގެ ނިންމުމަކީ މި ކަމުގައި ވަރަށް ސާފު އަދި ސާބިތު ސިޔާސަތެކެވެ. ގާނޫނާއި ސަރުކާރުގެ އެންގެވުންތަކާ ޚިލާފަށް އިސްރާއީލަށް ސީދާކޮށް ނުވަތަ ނުސީދާކޮށް މުދާ ފޮނުވަން އުޅޭ ކޮންމެ ފަރާތަކާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން މެލޭޝިޔާއިން ވަނީ އިސްރާއީލުގެ އުޅަނދުފަހަރު މެލޭޝިޔާގެ ބަނދަރުތަކަށް ވަނުމާއި، އިސްރާއީލަށް ސީދާ މުދާ އެކްސްޕޯޓްކުރުން މުޅިން މަނާކޮށްފައެވެ. މިއީ އެ ގައުމުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން ފަލަސްތީނުގެ ހައްގުގައި އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކެކެވެ.

ކޮމެންޓް
ފަހުގެ
HDC