
-
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެލްޖީއޭގެ ބޯޑުގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު ކުރިއަށް އޮތް ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާންޖެހޭ ދާއިރާތަކުގެ ތެރެއިން ދެ ދާއިރާއަކުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިންނާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންފުޅުތަކެވެ.
މިންތީގެ ހަމަހަމަކަން (ޖެންޑަރ އިކުއަލިޓީ) ގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ.
އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.
މި ދެ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި އައްޔަންކުރައްވާ ބޭފުޅެއްގެ މަގާމަށް ކުރިމަތިލުމަށްވެސް ރައީސް އޮފީހުން މީގެ ކުރިން ހުޅުވާލާފައިވެއެވެ.
ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ގާނޫނު އަސާސީގެ 140 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާގެ މެންބަރެކެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅުއްވާ އެ އޮފީހުގެ މުވައްޒަފެއް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
ގުޅުންހުރި

އެލްޖީއޭ ބޯޑުގެ ހުސްވާ ޖާގަތަކަށް ދެ ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތަކުގެ ގޮނޑި ވޯޓަކާ ނުލައި ކުޅުދުއްފުށީ މޭޔަރު އާތިފަށް!

އެލްޖީއޭ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި




