
--
ގޭތެރޭގައި ގަސް ހެއްދުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ. ޚާއްޞަކޮށް ކަރާ ފަދަ މޭވާ ހެއްދުމަށް ގިނަ ބަޔަކު މަސައްކަތްކުރެއެވެ.

ނަމަވެސް، ކަރާ ހެއްދުމުގައި އާންމުކޮށް ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ރަނގަޅު މޭވާއެއް ނުލިބި ނާކާމިޔާބުވުމަކީ ވަރަށް ގާތް ކަމެކެވެ.
ފުރަތަމަ ކަމަކީ ގަސްތައް އިންދާއިރު އެކަށީގެންވާ ޖާގަ ނުދިނުމެވެ. ކަރާ ގަހަކީ ވަރަށް ބޮޑަށް ފެތުރޭ ގަހަކަށް ވުމާއެކު، ގަސްތައް މާ ކައިރިކައިރީގައި އިންދުމުން ގަސް ބޮޑުވުމަށް ހުރަސްއެޅެއެވެ. އަދި މިއީ ގިނަ ވަގުތު އަވިން ހަކަތަ ބޭނުންވާ ގަހަކަށްވާއިރު، ހިޔާވާ ތަންތަނުގައި އިންދުމަކީވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
ދެވަނަ ކަމަކީ ފެން ދިނުމުގައި ގެންގުޅެވޭ ގޯސް އާދަތަކެވެ. ކަރާއަކީ ގިނައިން ފެން ބޭނުންވާ އެއްޗެއް ނަމަވެސް، މާ ގިނައިން ފެން ދިނުމާއި، ނުވަތަ މާ މަދުން ފެން ދިނުމަކީ ކަރާ ފަޅައިގެން ދިއުމަށާއި މޭވާ ހަލާކުވުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން ގަވާއިދުން އެއްވަރަކަށް ފެން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން ފަސްގަނޑު މާބޮޑަށް ފިނިކޮށް އޮއްވާ އޮށް އިންދުމާއި، ގަހަށް ބޭނުންވާ ކާނާގެ މާއްދާތައް ރަނގަޅަށް ނުދިނުމަކީވެސް މޭވާ ނުލިބޭނެ ސަބަބުތަކެވެ.
މިކަންކަމަށް ސަމާލުކަން ދީގެން ރަނގަޅަށް ގަސް ބަލަހައްޓައިފިނަމަ، ގޭގައިވެސް ފަސޭހަކަމާއެކު މީރު ކަރާ ހެއްދިދާނެއެވެ.





