
--
ދޮންކެޔޮ ކެއުމަށްފަހު އޭގެ ތޮއްޓަކީ އެއްލާނުލާ އޭގެ ބޭނުން ގަސްތަކަށް ފައިދާހުރި ކާނާއަށް ނުވަތަ ކޮމްޕޯސްޓަށް ބަދަލުކޮށްލެވިދާނެ އެއްޗެކެވެ.

ތިމާވެށީގެ މާހިރެއް ކަމަށްވާ ބިއާ ޖޯންސަން ހާމަކުރާގޮތުގައި، ދޮންކެޔޮ ތޮށީގައި ގިނަ އަދަދަކަށް "ޕޮޓޭސިއަމް" އެކުލެވިގެންވެއެވެ. މިއީ ގަސްގަހުގެ ކުރިތަކާއި ގޮފިތައް ވަރުގަދަކޮށްދީ، ބަލިތަކުން ގަސްތައް ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ޚާއްސަކޮށް ޓޮމާޓޯ، މިރުސް އަދި މާ އަޅާ ގަސްތަކަށް މީގެއިން ނުހަނު ބޮޑު ފައިދާއެއް ކުރެއެވެ.
ދޮންކެޔޮ ތޮށި އެގޮތަށް ހުއްޓާ ގަސްތަކަށް އެޅުމުން އޭގެ ފައިދާ ކުރަން ގިނަ ދުވަސް ނަގައެވެ. އެހެންކަމުން ދަނޑުވެރިކަމުގެ މާހިރުން ލަފާދެނީ ތިރީގައިވާ 6 ގޮތުން ކުރެ ގޮތަކަށް ތޮށި ބޭނުންކުރުމަށެވެ:
ކޮމްޕޯސްޓް ހެދުން: ދޮންކެޔޮ ތޮށިތައް ކޮމްޕޯސްޓާއި އެއްކުރުމަކީ ނައިޓްރޮޖަން މާއްދާ އިތުރުކޮށްދީ، ފަސްގަނޑުގެ ބާރުގަދަކޮށްދޭނެ އެންމެ ރަނގަޅު ގޮތެވެ.
ފަންޏަށް ކާނާ ދިނުން : ގޭގައި ފަނި ބޭނުންކޮށްގެން ކޮމްޕޯސްޓް ހަދާ ނިޒާމެއް ހުންނަނަމަ، ދޮންކެޔޮ ތޮށި އޭގެ ތެރެއަށް އެޅުމުން ފަނިތަކުން އެ ތޮށިތައް ނިޔުޓްރިއަންޓް ގިނަ ކާނާއަށް ބަދަލުކޮށްދެއެވެ.
ތޮށިން ކުނޑި ހެދުން: ދޮންކެޔޮ ތޮށި އަވިން ނުވަތަ އަވަނުން ހިއްކުމަށްފަހު މުގުރާލައިގެން ކުނޑިއަށް ހަދާށެވެ. މި ކުނޑި ގަސްއިންދާ ފަސްގަނޑާ އެއްކޮށްލުމުން ގަހަށް ފައިދާ ލިބެމުންދާނެއެވެ.
ލިކުއިޑް ފާޓިލައިޒާ: މިއީ އެންމެ މަގުބޫލު ގޮތެވެ. ތޮށިތައް ފެނަށް އަޅައިގެން "ބަނާނާ ވޯޓާ" ތައްޔާރުކޮށް ގަހަށް ޖެހުމެވެ.
މަލްޗް: ތޮށިތައް ކުދިކޮށް ކޮށާލުމަށްފަހު ގަސް ވަށައިގެން ފަސްގަނޑު މައްޗަށް ފަތުރާލެވިދާނެއެވެ. ނަމަވެސް ކުދި ސޫފިތައް އައުން ހުއްޓުވުމަށް އޭގެ މަތިން ލަކުޑި ކުނޑި ނުވަތަ ހިކިވިނަ އެޅުން ބުއްދިވެރިއެވެ.
އިންދާ ވަޅުގަނޑަށް އެޅުން: އާ ގަހެއް އިންދާއިރު ވަޅުގަނޑުގެ އަޑިއަށް ކޮށާފައި ހުރި ތޮށިކޮޅެއް ނުވަތަ ތޮށީގެ ކުނޑި އެޅުމުން، ގަސް ހެދެމުން އަންނައިރު ބޭނުންވާ މާއްދާތައް ފަސޭހައިން ލިބެއެވެ.
ގުޅުންހުރި




