logoEN
WAMCO TOP 1
ދިވެހި އެއާލައިންތަކުގެ މެނޫއިން ދިވެހި ރަހަތައް ކޮބާ؟

ދިވެހި އެއާލައިންތަކުގެ މެނޫއިން ދިވެހި ރަހަތައް ކޮބާ؟

ސާރާ އަހުމަދު

logo

8/7/2026, 2:29:30 PM

# ކާނާ

މޯލްޑިވިއަންގެ ފްލައިޓެއްގައި ރޮއްޓާއި މަސްހުނި:- މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

އެހެން ގައުމުތަކުގެ ގައުމީ ނުވަތަ އަމިއްލަ އެއާލައިންތަކުން ދަތުރުކުރާއިރު ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެ އެއް ކަމެއް އޮވެއެވެ. އެއީ ފްލައިޓަށް އަރާ ހިސާބުން ފެށިގެން، ވަަޔަށް އުދުއްސައިގަތުމާ ހަމައަށް، އެ ގައުމެއްގެ ސަގާފަތާއި ރަހަތައް ތަޖުރިބާކުރަން ލިބޭކަމެވެ. މެލޭޝިޔާގެ އެއާއޭޝިޔާ ނުވަތަ ބަޓިކް އެއާގައި "ނަސިލެމަކް" ލިބެން ހުރެއެވެ. ކޮރިއަން އެއާގެ މެނޫގެ އެންމެ ކުރީގައި އޮންނަނީ އެ ގައުމުގެ ސަގާފީ "ބިބިމްބަޕް" އެވެ. އަރަބި ގައުމުތަކާއި އިންޑިއާގެ އެއާލައިންތަކުން ވެސް ވިއްކަނީ އެމީހުންގެ އަމިއްލަ ރަހަތަކެވެ.

THE TRAVELLER AD

ނަމަވެސް، ރާއްޖޭގެ ގައުމީ އެއާލައިން ނުވަތަ އެހެނިހެން އެއާލައިންތަކުގެ ދަތުރުތަކަށް ބަލައިލުމުން ފެންނަނީ ތަފާތު މަންޒަރެކެވެ. މެނޫއިން ގިނައިން ފެންނަނީ ބިރިޔާނީއާއި، ސްޕެގެޓީއާއި، ނޫޑްލްސްގެ އިތުރުން މެކްސިކަން ނުވަތަ ހުޅަނގުގެ ކާނާއެވެ. ސުވާލަކީ، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި އަމިއްލަ ރައްޔިތުންނަށް، ދިވެހި ސަގާފީ ރަހަތައް އެއާލައިންތަކުން ފޯރުކޮށްނުދެވޭންވީ ކީއްވެގެން ހެއްޔެވެ؟

ވަހުގެ މައްސަލައަށް ހައްލު: މެނޫގައި ހިމަނާނީ "ގަރޫދިޔައެއް" ނޫން!

ފްލައިޓެއްގެ ތެރޭގައި ދިވެހި ކާނާ ސާވްކުރުމާ މެދު ވާހަކަދައްކާއިރު، "ގަރުދިޔައާއި ބަތް" ކަހަލަ ވަސްގަދަ ކެއުމެއް ސާވްކުރާނީ ކިހިނެއްތޯ ބައެއް މީހުންގެ ހިޔާލަށް އަތުވެދާނެއެވެ. މިއީ ބަންދުވެފައިވާ ބޯޓެއްގެ ތެރޭގައި ސާވްކުރަން އެކަށީގެންވާ ކާނާއަކަށް ނުވެދާނެއެވެ. ނަމަވެސް، ދިވެހި ކެއުންތަކުގެ ތެރޭގައި ވަސް ގަދަނޫން، އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެތައް ބާވަތެއް އެބަހުއްޓެވެ.

ހެނދުނުގެ ދަތުރުތަކަށް، ހޫނު ރޮއްޓާއެކު "މަސްހުނި"، "މަސްކުރޮޅި" ނުވަތަ "ކުޅިމަސް" ހިމެނިދާނެއެވެ. މިއީ ބޭރުގެ ފަތުރުވެރިންގެ މެދުގައި ވެސް ރިސޯޓުތަކުގައި ވަރަށް މަގުބޫލު ކެއުންތަކެކެވެ. މީގެ އިތުރުން، މެންދުރުގެ ކެއުންތަކަށް "މަސްބަތް"، "ޓޮމާޓޯ ބަތް" ނުވަތަ ދިވެހި ތަފާތު ހަވާދުތަކުން ތައްޔާރުކުރާ "ދޮންރިހަ" އާއި "ހަވާދު ރިހަ" "ކަނޑުކުކުޅު" އަދި "ގޮޅަ ރިހަ" ފަދަ ކާނާ މެނޫގައި ހިމެނިދާނެއެވެ.

ކޭޓަރިން ނިޒާމުގެ ތެރެއިން މިއީ ކުރެވިދާނެ ކަމެއް!

އެއާލައިންތަކަށް ކާނާ ފޯރުކޮށްދިނުމުގެ މައިގަނޑު މަސައްކަތް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންފްލައިޓް ކޭޓަރިންގ ނިޒާމުގެ ތެރެއިންނެވެ. މިއީ ޒަމާނީ ވަސީލަތްތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ކާބޯތަކެތި ބަންދުކޮށް، ތައްޔާރުކުރާ ތަނެކެވެ. ދިވެހި ކެއުންތައް ބޯޓުގެ މާހައުލާ ގުޅޭގޮތަށް، ވަސް މަޑުކޮށް އަދި ރީތިކޮށް ޕެކްކޮށްގެން ފޯރުކޮށްދިނުމަކީ ކޭޓަރިން ނިޒާމަށް އެއްވެސް އުނދަގުލެއް ނެތި ކުރެވިދާނެ ކަމެކެވެ.

ފަތުރުވެރިންނަށް ދެވޭނެ ފުރަތަމަ ފުރިހަމަ "އިމްޕްރެޝަން"

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް މުޅި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ. ގައުމީ އެއާލައިން މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިޔާއަށް، ރާއްޖޭގެ ފަސްގަނޑުގައި ފައިޖެހުމުގެ ކުރިން، ދިވެހި ސަގާފީ ރަހަތައް ތަޖުރިބާކޮށްލަން ލިބުމަކީ އެމީހުންގެ ހިތުގައި ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ. މިއީ ހަމައެކަނި ކާނާއެއް ފޯރުކޮށްދިނުމެއް ނޫނެވެ. މިއީ ދިވެހި ރަހަތައް މުޅި ދުނިޔެއަށް އިޝްތިހާރުކޮށް، ދިވެހި އަމިއްލަވަންތަކަން ރޭވުންތެރިކަމާއެކު ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެހެން ގައުމުތަކުން އެމީހުންގެ އަމިއްލަ ރަހަތައް އެއާލައިންތަކުގައި ފަޚުރުވެރިކަމާއެކު ވިއްކާއިރު، ދިވެހި އެއާލައިންތަކުން ވެސް މި ބަދަލު ގެންނަންޖެހެއެވެ. ދިވެހި ކެއުންތައް އެއާލައިންގެ މެނޫގައި ހިމެނުމަކީ ޓެކްނިކަލް ގޮތުން ނުކުރެވޭނެ ކަމެއް ނޫނެވެ. ބޭނުންވަނީ ގައުމީ ރަހަތަކަށް އިސްކަންދީ، ދިވެހި ސަގާފަތް އުޑުމަތީގައި ވެސް ފަވާލުމުގެ ހެޔޮ ނިޔަތެވެ.

ކޮމެންޓް
ފަހުގެ
HDC