
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ އޮފިޝަލް ލޯކަލް އެއަރލައިން ޕާޓްނަރަކަށް މޯލްޑިވިއަން!
# ވިޒިޓް މޯލްޑިވްސް-
2026 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަންގެ އޮފިޝަލް ލޯކަލް އެއަރލައިން ޕާޓްނަރަކަށް ގައުމީ އެއަރލައިން، މޯލްޑިވިއަން ހަމަޖައްސައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ދިނުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ވެވުނު މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމްއެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ. މި މުހިންމު އެއްބަސްވުމުގެ ދަށުން، މި ބޮޑު ހަފުލާ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި އެއަރލައިންގެ ޚިދުމަތްތަކާއި، މުވައްޒަފުންގެ ބައިވެރިވުމުގެ އިތުރުން އޮޕަރޭޝަނަލް ގޮތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން މޯލްޑިވިއަނުން ފޯރުކޮށްދޭނެއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ އެމްޑީ ޝިއުރީ ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރާއްޖެއިން ލިބެން ހުރި ޚިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ދައްކާލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ޝަރަފުވެރި ހަރަކާތެއްގެ އޮފިޝަލް އެއަރލައިން ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖެހިގެން ދިއުމަކީ ލިބޭ ބޮޑު އުފަލެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތައް ގުޅުވާލަދީ ދަތުރުފަތުރު ފަސޭހަކޮށްދިނުމުގައި ގައުމީ އެއަރލައިން އަދާކުރާ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، މިއީ ރާއްޖޭގެ ކުންފުނިތައް ގުޅިގެން މިފަދަ ބައިނަލްއަގުވާމީ ހަރަކާތްތައް ކާމިޔާބުކަމާއެކު ބޭއްވޭނެކަމުގެ އަލިގަދަ ހެއްކެއްކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެންމެ މަތީ ފެންވަރުގެ މަންޒިލްތަކާއި ބްރޭންޑްތައް އެއްތަންކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. 2026 ވަނަ އަހަރުގެ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ކެޓަގަރީގެ އެވޯޑު ހަފުލާ ރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ އިސް ސަފުގައި ރާއްޖެ އޮތްކަން ކަށަވަރުކޮށްދީ، ސިނާއަތުގެ އިސްފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް ރާއްޖެއަށް ހުޅުވިގެންދާނެ މުހިންމު ދޮރެކެވެ.
މި ޕާޓްނަރޝިޕަކީ، ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި އިޝްތިހާރުކޮށް، ދުނިޔޭގެ ފެންވަރުގެ ބޮޑެތި އިވެންޓްތައް ރާއްޖޭގައި ބޭއްވުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ގުޅުންހުރި

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ އޮފިޝަލް ލޯކަލް އެއަރލައިން ޕާޓްނަރަކަށް މޯލްޑިވިއަން!

އޮސްޓްރޭލިއާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ވިޒިޓް މާލްޑިވްސްއިން ޚާއްޞަ ރޯޑްޝޯއެއް ފަށައިފި

އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރަކަށް ލަވަކިޔުންތެރިޔާ ބާދުޝާހް!




