
އޮސްޓްރޭލިއާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ވިޒިޓް މާލްޑިވްސްއިން ޚާއްޞަ ރޯޑްޝޯއެއް ފަށައިފި
# ވިޒިޓް މޯލްޑިވްސް-
އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ވިޒިޓް މާލްޑިވްސްއިން އޮސްޓްރޭލިއާގައި "ވިޒިޓް މާލްޑިވްސް ވީކް" ގެ ނަމުގައި ޚާއްޞަ ރޯޑްޝޯއެއް އިއްޔެ ފަށައިފިއެވެ.

އޮސްޓްރޭލިއާގެ ތިން ސިޓީއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ރޯޑްޝޯ އިއްޔެ ޕާތްގައި ފަށާފައިވާއިރު، ޖުލައި 22 ގައި މެލްބަން އަދި ޖުލައި 23 ގައި ސިޑްނީގައި މި ހަރަކާތް ކުރިއަށްދާނެއެވެ.
މި ހަރަކާތަކީ ވިޒިޓް މާލްޑިވްސްގެ އިސްނެގުމުގެ ދަށުން ރާއްޖެއާއި އޮސްޓްރޭލިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ ހަރަކާތެކެވެ. މިއީ މޭ 2026 ގައި މާލެއާއި މެލްބަންއާ ދެމެދު ގައުމީ އެއާލައިން، މާލްޑިވިއަންއިން ސީދާ ދަތުރުތައް ފެށުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ގުޅުން ބޭނުންކޮށްގެން އޮސްޓްރޭލިއާގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެއެވެ.
އޮސްޓްރޭލިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން ވަރަށް ބާރަށް ކުރިއަރަމުންދާ މާކެޓެކެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 20,126 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.1 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އޮސްޓްރޭލިއާއަކީ މިހާރު ރާއްޖެއަށް 10 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މީގެ ތެރެއިން 77.2 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާއިރު، އޭގެ އިތުރުން ސަފާރީތަކާއި، ގެސްޓްހައުސް އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.
މި ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތައް އޮސްޓްރޭލިއާގެ މާކެޓަށް ދައްކާލާނެއެވެ. މި ހަރަކާތުގެ ތެރޭގައި ބީޓޫބީ ބައްދަލުވުންތަކާއި، މީޑިއާ އަދި އިންފްލުއެންސަރުންނާ ބައްދަލުކުރުމުގެ އިތުރުން ރާއްޖެ އިޝްތިހާރުކުރުމުގެ ތަފާތު ހަރަކާތްތަކާއި ގިވްއަވޭތައް ކުރިއަށްދާނެއެވެ. ވިޒިޓް މާލްޑިވްސްއިން އަންނަނީ ލަގްޒަރީ އެސްކޭޕްސް ފަދަ މަޝްހޫރު ބްރޭންޑްތަކާ ގުޅިގެން އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ގުޅުންހުރި

އޮސްޓްރޭލިއާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ވިޒިޓް މާލްޑިވްސްއިން ޚާއްޞަ ރޯޑްޝޯއެއް ފަށައިފި

އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރަކަށް ލަވަކިޔުންތެރިޔާ ބާދުޝާހް!

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި




