logoEN
WAMCO TOP 1
އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އޮތުމުން ޤައުމު ދާންޖެހޭ މިސްރާބަށް ނުދޭ: ފައިސަލް ނަސީމް

އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އޮތުމުން ޤައުމު ދާންޖެހޭ މިސްރާބަށް ނުދޭ: ފައިސަލް ނަސީމް

އަހުމަދު ޝުރާއު

logo

8/8/2026, 6:39:46 PM

# ފައިސަލް ނަސީމް

-

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަށް 18 އަހަރު ފުރިގެންދާއިރު، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އިންތިހާއަށް އޮތުމުގެ ސަބަބުން ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ބޮޑުވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިއަދު ފާހަގަކުރާ ޤާނޫނުއަސާސީގެ އަހަރީ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ، ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި ވެރިކަމުގެ ހަތަރު ދައުރެއް ފެނި، ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، 2004 އިން 2008 އަށް ޤާނޫނުއަސާސީ އެކުލަވައިލުމަށް ކުރެވުނު ފޮނި އުންމީދުތައް ހާސިލުވި މިންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް do ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހެދުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު 11 އިޞްލާޙެއް ފައިސަލް ވަނީ ހުށަހަޅުއްވާފައެވެ.

އެގޮތުން ފައިސަލް ހުށަހެޅުެއްވި އިސްލާހުތަކަކީ:

  1. ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅިއަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރުން.
  2. ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުން.
  3. މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން.
  4. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން.
  5. ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން. އަދި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން.
  6. ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން. އަދި، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން. މިގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްޤީ ކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. އަދި މި ޚާއްސަ ސަރަހައްދުތަކުގައި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަމެއް ދިނުން.
  7. ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުން. އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން.
  8. ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން. އެގޮތުން:- ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ލިބޭނެ ފަދަގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުން.- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަނސްކީމްތައް ތައާރަފު ކުރުން. ވިޔަފާރިތަކަށް ދިވެހިން ވަނުމަށް ހިތްވަރު ދީ، މަގު ހުޅުވައި ދިނުން.- ރިސޯޓުތަކުގައި ކުރާ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަކަށް އިންޑަސްޓްރީއާ މަޝްވަރާކޮށް މިކަމަށް މަގެއް ހުޅުވުން.
  9. ކާބޯ ތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން.
  10. މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން. އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަން ކުރުން.
  11. އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުން. އަދި އިޖްތިމާޢީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެންމެންނަށް އެއް މިންގަނޑަކުން ދިނުމުގެ ބަދަލުގައި، ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުން.

ޤާނޫނުއަސާސީން އިންތައް ވަކިކޮށްފައިވީ ނަމަވެސް، މިހާރު އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވަމުންދާތީ، މި އިޞްލާޙުތަކަކީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމަށް ފައިސަލް ނަސީމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC