logoEN
cocacola
ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން އަބަދުވެސް ޚާއްސަ އިސްކަމެއްދޭނެ - ފައިސަލް

ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން އަބަދުވެސް ޚާއްސަ އިސްކަމެއްދޭނެ - ފައިސަލް

އައިޝަތު އިފާޝާ

logo

5/17/2023, 9:20:00 AM

# ފައިސަލް ނަސީމް# ނައިބު ރައީސް

Faisal Naseem

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާ ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ޔަޤީންކޮށްދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ތަރައްޤީއާއި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

އަދި ހަލުވިކަމާއި އެކު ބަދަލުވަމުން އަންނަ ދުނިޔެއެއްގައި، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި، އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ، އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު ކާމިޔާބީތައް ހޯދުމަށް، ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދެއްވުމަށްވެސް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްވެރިންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މިޙަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަޙްމަދު ނާޝިދަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ޙަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ޙަވާލުކޮށްފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ