
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި
# އެމްއެންޑީއެފް-
ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނު އިތުރަށް ފުޅާކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިހާތަނަށް ވައިގެ މަގުން 6,112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,370.10 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށެވެ.
ނަމަވެސް، ކަނޑާއި ވައިގެ މަގުން ކުރެވުނު މި ބޮޑު މަސައްކަތުންވެސް ގެއްލުނު ތިން މީހުން އަދި ފެނިފައެއް ނުވެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.
ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް ދޯނީގެ މީހުން ސަލާމަތްކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ ޓީމެއް ދޯންޏަށް އަރައި ހަރާތްތެރިވަމުންދަނިކޮށް ދޯނި ވަނީ ބަންޑުންޖަހާލައި އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
ދޯނި އަޑިއަށްދިޔަ ސަރަޙައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1,645 މީޓަރު (1.6 ކިލޯމީޓަރު) ހުންނާނެ ކަމަށް ސިފައިން ލަފާކުރެއެވެ.
ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުން ބަލަމުންދަނީ މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެންނެވެ. އަދި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް "SA038, SA037" ގެ އިތުރުން ފުލުހުންގެ ދެ ލޯންޗު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގުޅުންހުރި

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކަނޑާއި ވައިގެ މަގުން 7،000 އަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި ގާތްގަޑަކަށް 1645 މީޓަރު ހުންނާނެ ކަމަށް ބެލެވޭ - ސިފައިން

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގެ ދަރިވަރުންނަށް ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި




