logoEN
WAMCO TOP 1
ބަލި މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ބަލި މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

# ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލް ---

ބަލި މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނާ ވާހަކަ އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ދޮގުކޮށްފިއެވެ.

THE TRAVELLER AD

ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަލި މީހަކަށް އެތަނުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީީޑިއާގައި ވަނީ ޕޯސްޓެއް ދައުރުވެފައެވެ.

މިކަމާ ގުޅިގެން، އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލި މީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ބަޔާނުގައި، ބުނީ ބަލި މީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް އަދި މައްސަލައަކީ އެ ހޮސްޕިޓަލުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ހާއްސަ އިސްކަމެއްދީގެން ބަލައި މައްސަލަތަކެއް ކަމަށެވެ. އަދި އެކަންކަމާ ގުޅިގެން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާ ކަމަށް އެ ބަޔާނުގައިވެއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެެއް ވާހަކަތަކަކީ އެ ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަ ކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.

އެ ހޮސްޕިޓަލަކީ ބަލި މީހުންނަށް ދޭ ފަރުވާ އާއި ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ހޮސްޕިޓަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، ބަލި މީހުންނަށް ފަރުވާދިނުމުގައި ބަލިމީހާގެ ކަރާމާތާއި މިނިވަން ކަމަށް އިހުތިރާމް ކުރުމާއި ބަލި މީހުންގެ ރުހުން ހޯދުމުގެ އިތުރުން ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް ހުރިހާ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން އަމަލުކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް ބާރު އަޅައެވެ.

އެހެންކަމުން، ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށްވުމުން، ބަލި މީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުން ކަށަވަރުކުރާނެ ކަންކަން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލާއި ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިން އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ގެއްލުމަކީ އެތަނުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ހޮސްޕިޓަލުން ވަނީ ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ބަޔާނުގައިވަނީ ބަލިމީހުންނަށް ރައްކާތެރި، އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލު ދެމި އޮންނާނެ ކަމަށް ވެސް ބުނެފައެވެ.

ކޮމެންޓް
ފަހުގެ
HDC