
-
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީ އުފައްދާ މުޅިން އައު "މިތޮލޮޖިކަލް ޖަންގަލް އެޑްވެންޗަރ" ފިލްމެއްގެ ލީޑު ރޯލު ކުޅުމަށް މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން އަށް ހުށަހަޅައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ފިރިހެން ލީޑު ރޯލަށް ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރ ދަނުޝް މިހާރު ވަނީ ހަމަޖައްސާފައެވެ.
ސަންޖޭ ލީލާ ބަންސާލީ އާއި ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި އެންމެ ބޮޑަށް ވާހަކަދެކެވުނު އެއް މައްސަލައިގެ ސަބަބުން ގުޅުން ގޯސްވެފައިވާ ދެ މީހުންނެވެ.
އެގޮތުން ދެމީހުންގެ މެދުގައި މައްސަލަތަކެއް ކުރިމަތިވީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު، ބަންސާލީގެ މަޝްހޫރު ފިލްމު "ދޭވްދާސް" އަށް ކަރީނާ ސްކްރީން ޓެސްޓު ހެދުމަށްފަހު، އެ ރޯލު އައިޝްވާރިޔާ ރާއީ ބައްޗަން އަށް ލިބުނުކަން އެނގުމާ ހިސާބުންނެވެ. އެހިސާބުން ކަރީނާއަށް އޮޅުވާލީކަމުގެ އިހުސާސް ކުރެވި، ބަންސާލީއާއެކު ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށް އޭނާ އޭރު ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ދެފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، މިއީ މި ދެފަރާތް ގުޅިގެން މަސައްކަތްކުރާނެ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
މިއީ ބަންސާލީ ޕްރޮޑިއުސްކޮށް، "ހީރޯ" އަދި "ސަރުދާރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ތަމަޅަ ޑައިރެކްޓަރ ޕީ.އެސް މިތުރަން ޑައިރެކްޓްކުރާނެ ފިލްމެކެވެ.
އިންޑީޔާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ކަރީނާ ވަނީ މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިވަގުތު ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއަހަރުގެ ނޮވެމްބަރު މަހު ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ފަށައި، ޖެނުއަރީ 2027 ގައި ޝޫޓިންގ ފަށާނެކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ކަރީނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މޭގްނާ ގުލްޒާރުގެ ކްރައިމް ތްރިލަރ އިންނެވެ. ގާނޫނާއި އިންސާފުގެ އުނދަގޫ މަރުހަލާތަކުގެ މައްޗަށް އުފައްދާ މި ފިލްމު 18 ސެޕްޓެމްބަރ 2026 ގައި ސިނަމާތަކުގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި، ސަންޖޭ ލީލާ ބަންސާލީ މިވަގުތު ތައްޔާރުވަމުން އަންނަނީ އޭނާގެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ޕީރިއަޑް ރޮމޭންޓިކް ޑްރާމާ "ލަވް އެންޑް ވޯ" ގެ ފުރަތަމަ ރަސްމީ ލުކް ދައްކާލުމަށެވެ. ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ މަސައްކަތްތައް މިހާރު ފަހު މަރުހަލާގައި އޮތްއިރު، ފިލްމު ސިނަމާތަކަށް އަންނާނީ 21 ޖެނުއަރީ 2027 ގައެވެ.


.jpeg&w=3840&q=75)



