
-
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވަރުން ދަވަން، ޔަޝް ރާޖް ފިލްމްސް (ވައި.އާރް.އެފް) އިން އުފައްދާ ފުރަތަމަ ބިރުވެރި ފިލްމުގެ ލީޑު ރޯލަށް ހަމަޖައްސާފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިއީ ލޯބީގެ ފިލްމުތަކާއި އެކްޝަން ފިލްމުތަކަށް އެންމެ ބޮޑަށް މަޝްހޫރުވެފައިވާ ވައި.އާރް.އެފް އިން ބިރުވެރި ޖޯންރާއަށް ވަންނަ ފުރަތަމަ ފަހަރެވެ.
މިއީ ވަރުން ދަވަން އާއި ވައި.އާރް.އެފް ގުޅިގެން މަސައްކަތްކުރާ ދެވަނަ ޕްރޮޖެކްޓެވެ. މީގެ ވަރުން އާއި ވައި.އާރް.އެފް އެކުގައި މަސައްކަތްކޮށްފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގައެވެ.
ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މި ޕްރޮޑަކްޝަން ހައުސްއާއެކު ވަރުން ފެނިގެންދާނެކަމުގެ ޚަބަރު ފެތުރުމާއެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައިއެވެ.
މިވަގުތު ބޮލީވުޑްގައި ބިރުވެރި ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ވައި.އާރް.އެފް ފަދަ ބޮޑު ކުންފުންޏަކުން މިފަދަ ފިލްމެއް އުފެއްދުމަކީ ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމެކެވެ.
މި ޕްރޮޖެކްޓާ ގުޅޭ ރަސްމީ އިއުލާނެއް އަދި ކޮށްފައި ނުވި ނަމަވެސް، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.


.jpeg&w=3840&q=75)



