logoEN
WAMCO TOP 1
އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން ފެތުރި ޚަބަރު އެމްޓީސީސީން ދޮގުކޮށްފި

އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން ފެތުރި ޚަބަރު އެމްޓީސީސީން ދޮގުކޮށްފި

# އެމްޓީސީސީ# އަމީނީ މަގު

އަމީނީމަގު ---

މާލޭގެ އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

THE TRAVELLER AD

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިޙުމާލާއި، ރައްޔިތުން ރަތަށް" މި މައުޟޫޢަށް އަސްލު ޓީވީން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ކަންކަމުގެ ޙަޤީޤަތް ބެލުމެއް ނެތި ޝާއިޢުކޮށްފައިވާ ބުޚުތާނު ދޮގު ރިޕޯޓެއް ކަމަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިފަދަ ރިޕޯޓެއް ޝާއިޢުކުރުމުގެ ބޭނުމަކީ އެ ކުންފުނީގެ މުވައްޒަފުން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުމެވެ. އަދި މިއީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފައްދައި، ކުންފުނީގެ ޙިއްޞާދާރުންނާއި ކަސްޓަމަރުންނަށް މާލީ ގޮތުން ގެއްލުން ދިނުމަށް ހިންގާފައިވާ ޢަމަލެއް ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަމީނީ މަގުގެ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ތަފްސީލު ދެމުން ބުނެފައިވަނީ، އެ ކުންފުނިން އެ މަގުގައި ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ހެންވޭރާ ވީ ކޮޅުން ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދާ ހަމައަށް ސަބްބޭސް ހަދައި ތާރު އެޅުން ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 9 ފެބްރުއަރީ 2023 ގައެވެ. އަދި އެ މަސައްކަތް 16 ފެބްރުއަރީ 2023 ގައި ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

"މި ކުންފުނިން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ އެކަމުގެ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާއާ އެކީގައެވެ،" އެމްޓީސީސީގެ ބަޔާނުގައި ވެއެވެ. އަދި ރައްޔިތުންގެ ކުންފުނީގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ، އެއްވެސް ޙަޤީޤަތެއް ނެތް މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން ކުންފުންޏާއި ކުންފުނިން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ މެދު އޮތް އިތުބާރު ގެއްލިގެން ދިއުމަކީ ކުންފުންޏަށް ލިބޭނެ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC