
އެކްސިޑެންޓްތައް މަދުކުރުމަށް ހުޅުމާލޭގެ ފޭސް 1 އަދި 2 ގައި ފުލުހުންގެ ޚާއްޞަ ރޯޑްޝޯއެއް
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހުޅުމާލޭގައި ފުލުހުން ޚާއްޞަ "ރޯޑްޝޯ" އެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލެ ޓްރެފިކް ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ. އަދި މަގުތަކަކީ އެންމެނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމާއެކު ބަދަހި އަދި އަމާން މުޖުތަމައެއް ބިނާކުރުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ. މި ހަރަކާތުގެ ތެރެއިން އުޅަނދު ދުއްވާ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން، އުޅަނދު ދުއްވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. މީގެއިތުރުން ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް އަދި ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމަށާއި، މަގުހުރަސްކުރާ މީހުންނަށް އިސްކަންދީގެން ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް އިލްތިމާސްކުރިއެވެ.
ހަމައެއާއެކު، ހިނގާބިނގާވެ އުޅޭ މީހުންވެސް ދުއްވާ އެއްޗެއްސަށް ސަމާލުކަންދިނުމަށާއި، މަގުހުރަސްކުރާނަމަ މަގުގެ ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ގުޅުންހުރި

އެކްސިޑެންޓްތައް މަދުކުރުމަށް ހުޅުމާލޭގެ ފޭސް 1 އަދި 2 ގައި ފުލުހުންގެ ޚާއްޞަ ރޯޑްޝޯއެއް

ވަގަށް ނަގާފައިވާ ތަކެތި ގަނެގެން މަރަދޫއިން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

"ފްރެންޑް 4" ދޯނިން ގެއްލުނު ސިފައިންގެ މީހާއާއި ފުލުހުންގެ މީހާ އަދި ކެޕްޓަން ހޯދުމުގެ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް!




