
މީހުން ޓްރެފިކްކުރުމާ ދެކޮޅަށް ތަހުގީގީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރަން ޔޫއެންއޯޑީސީން ހާއްސަ ވޯކްޝޮޕެއް ބާއްވައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މީހުން ޓްރެފިކް ކުރުމާއި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން (މައިގްރަންޓް ސްމަގްލިން) ހުއްޓުވުމަށް، ތަހުގީގީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ހިންގި ހާއްސަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އޮގަސްޓު މަހުގެ 4 އިން 6 އަށް ހުޅުމާލޭގެ ސަމާން ހޯސްޓްގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ރާއްޖޭގެ އެހެނިހެން ތަހުގީގީ އިދާރާތަކުގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުން 20 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޮޕަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފަންޑުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދުގައި ހިންގާ "ޕްރިވެންޓިންގ އެންޑް އެޑްރެސިންގ ޓްރެފިކިންގ އިން ހިއުމަން ބީންގްސް އެންޑް ސްމަގްލިންގ އޮފް މައިގްރަންޓްސް އިން ސައުތު އޭޝިއާ" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ކުށް ދެނެގަތުމާއި، ތަހުގީގުކުރުމުގެ ހުނަރުތައް ކުރިއަރުވައި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ކާމިޔާބުކަމާއެކު ތަހުގީގުތައް ފުރިހަމަކުރުމުގެ ގާބިލުކަން އިތުރުކުރުމުގައި ގައުމުތަކަށް އެހީތެރިވެދިނުމެވެ.
ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންއޯޑީސީގެ ލޯ އެންފޯސްމަންޓް އެޑްވައިޒަރު މާކަސް ޕައެސް ވިދާޅުވީ، މީހުން ޓްރެފިކް ކުރުމުގެ މައްސަލަތައް ކާމިޔާބުކަމާއެކު ތަހުގީގުކުރުމަކީ ހަމައެކަނި އަނިޔާ ލިބުނު މީހާގެ ބަޔާނުން އެކަނި ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ތަހުގީގީ އޮފިސަރުންނަށް މިދިން ތަމްރީނުގެ ސަބަބުން، ހެކިތަކުގެ މައްޗަށް ބިނާކޮށް ތަހުގީގު ފުރިހަމަކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ތަމްރީނުގައި ޔޫއެންއޯޑީސީގެ ފަންނީ މާހިރުން މައުލޫމާތު ދެއްވާފައިވާއިރު، އަމަލީ ތަމްރީނުތަކާއި ތަޖުރިބާ ހިއްސާކުރުމުގެ ޚާއްޞަ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.






