
މެލޭޝިޔާގެ ރަޔާ އެއާވޭސްއިން ރާއްޖެއަށް ފަށާ ކާގޯ ފްލައިޓާއެކު އެއާ-ޓޫ-އެއާ ކާގޯގެ އައު ދޮރުތަކެއް ރާއްޖެއަށް ހުޅުވިގެންދަނީ
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު-
މެލޭޝިއާގެ ކާގޯ އެއާލައިނެއްކަމަށްވާ ރަޔާ އެއާވޭސްއިން އެގައުމުގެ ޕެނޭންގުން ދިވެހިރާއްޖެއަށް ކާގޯ ފްލައިޓްތައް ފަށައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރަޙައްދީ ކާގޯ ޓްރާންސިޓް ހަބަކަށް ހެދުމުގެ ޚާއްޞަ މަޝްރޫޢެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ރަޔާ އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި އެންމެ ވަރުގަދަ އެއްކުންފުނި ކަމަށްވާ އިނާރ މޯލްޑިވްސްއާއި ގުޅިގެންނެވެ.
އިނަރ މާލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖެ މެދުވެރިކޮށް ޤަތަރު އެއަރވޭސް ކާގޯގެ ގްލޯބަލް ނެޓްވޯކަށް މުދާ ގުޅުވާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުމެވެ.
މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ ރާޔާ އެއަރވޭސްގެ ހަފުތާއަކު 2 ކާގޯ ފްލައިޓް ޕެނޭންގުން މާލެއަށް ދަތުރުކުރާ ގޮތަށެވެ. މާލެއަށް އެތެރެކުރެވޭ މުދާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް، ސީމްލެސް ކަނެކްޝަނެއްގެ ތެރެއިން ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވައިދޭނެއެވެ.
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ތަންމެދުގައި، އިޤްތިޞާދީ މުހިންމު ސަރަޙައްދެއްގައި އޮތް ޤައުމަކަށްވާތީ، ރާއްޖެ ސަރަޙައްދީ ލޮޖިސްޓިކްސް ހަބަކަށް ހެދުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
އެއަރ-ޓޫ-އެއަރ ކާގޯގެ ހިދުމަތަކީ އެއް ޤައުމުން އެއަރލައިނެއްގައި ގެންނަ މުދާ، ރާއްޖޭގެ އެއަރޕޯޓުގައި ޓްރާންސިޓްކުރުމަށްފަހު، އެހެން އެއަރލައިނަކުން ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ފޮނުވައިދޭ ނިޒާމެކެވެ. މީގެ ސަބަބުން އެއަރޕޯޓުގެ ކާގޯ ހެންޑްލިންގ އާމްދަނީ އިތުރުވެ، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ އެއަރލައިންތަކަށް އިތުރު ވިޔަފާރި ފުރުޞަތުތައް ފަހިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ކާގޯ ޓާމިނަލް ހުޅުވައި، ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ ގުޅިގެން، ރާއްޖެއަކީ ދުނިޔޭގެ ކާގޯ ނެޓްވޯކްތަކުގައި އިތުބާރު ހުރި ޓްރާންސިޓް ހަބަކަށް ހެދުމުގެ ފުރުޞަތު ވަނީ އިތުރަށް ފުޅާވެފައެވެ.
ގުޅުންހުރި

މެލޭޝިޔާގެ ރަޔާ އެއާވޭސްއިން ރާއްޖެއަށް ފަށާ ކާގޯ ފްލައިޓާއެކު އެއާ-ޓޫ-އެއާ ކާގޯގެ އައު ދޮރުތަކެއް ރާއްޖެއަށް ހުޅުވިގެންދަނީ
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވީއައިއޭގައި ފަސިންޖަރުންނަށް އަރާމުކުރާ އަދި ހިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި




