
އެމްއެންޑީއެފުން ވައިގެ މަގުން އެ މީހުން ހޯދުމުގެ މަސައްކަތްކުރުމުގެ ތެރެއިން- ފޮޓޯ: އެމްއެންޑީއެފް
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދަން 3580 ކިލޯ މީޓަރުގެ ސަރަހައްދެއް ބަލައިފައިވާކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައިފާސްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށާއި ކަނޑާއި ވައިގެމަގުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވެސް 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފް ބުންޏެވެ.
ނަމަވެސް އަދިވެސް އެ ބިދޭސީން ފެނައިފައި ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ އެ ދެމީހުންނާއި ބެހޭ އެއްވެސް ހަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރާއި، މި ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށް އެދިފަ އެވެ. އަދި މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅުމަށް އެދިފައިވާއިރު، ފެކްސް ކުރާނަމަ 3391665 އަށް ފެކްސް ކުރުމަށްވަނީ އެދިފަ އެވެ.
މި މީހުން ގެއްލިފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކ.ތިލަފުށިން ފުރައިގެން ދަތުކުރަމުންދިޔަ ލޭންޑިންގް ކްރާފްޓެއް ކ.ގާފަރު ކައިރިއަށް ބަންޑުން ޖަހާލައިގެންނެވެ. އަދި އެވަގުތުގައި އޭގައި ތިބި 10 މީހުންގެ ތެރެއިން 8 މީހުން ސަލާމަތްކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، މިހާރު ހޯދަމުންދަނީ 2 ބިދޭސީ މަސައްކަތްތެރިކަމަށް ފުލުހުން ބުނެފައިވެ އެވެ.






