
ހިންމަފުށީ ހުޅަނގުން ބާޖެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވާން އިލްތިމާސްކޮށްފި
# އެމްއެންޑީއެފް# ކ. ހިންމަފުށިކ.ހިންމަފުށި
ކ.ހިންމަފުށީގެ ހުޅަނގުން ބާޖެއް އޮޔާދާ ދާތީ، ދަތުރުވެރިން އެކަމަށް ސަމާލުވާން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ދަގަނޑު ބާޖު އޮޔާދާކަމަށް މައުލޫމާތު ލިބިފައިވަނީ ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
މި ބާޖު އޮޔާދަނީ ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށާއި، މި ބާޖު އޮޔާދާ އިރު އެއްވެސް އަލިކަމެއް ނެތްކަމަށް އެމްއެންޑީއެފުން ފާހަގަކުރި އެވެ. އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާނަމަ، އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް އެލާޓްތައް ނެރިފައިވާއިރު، ކަނޑުމަތީގެ އެތަކެއް ހާދިސާތަކެއްވެސް ވަނީ ދިމާވެފަ އެވެ. އަދި ކަމާބެހޭ އިދާރާތްތަކުން ދަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.





