
ދިވެހިރާއްޖޭގެ ހައިކޯޓު
އޮޕަރޭޝަނެއްގައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ 5 މިލިއަން ރުފިޔާ ހޯދަން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިއީ ޓޮންސިލް އޮޕަރޭޝަނެއް ކުރުމުގެ ތެރޭގައި އިހުމާލުން ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި ފަސް މިލިއަނެއްހާ ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކުން ކުރި ދައުވާ ސިވިލް ކޯޓުން ނާކާމިޔާބުވުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ.
2023 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއްގައި ޓޮންސިލް އޮޕަރޭޝަނެއް ކުރި ދިވެހި ފިރިހެނަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ހުށަހެޅި މި މައްސަލައިގާ ދައުވާކުރި ފަރާތުން ބުނެފައިވަނީ ހޮސްޕިޓަލުގެ އިހުމާލުން އޭނާގެ ކުޑަދޫ ބުރިވެފައިވާތީ، އޭގެ ބަދަލުގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި، ހަތަރު މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޮސްޕިޓަލުން ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންނަމަވެސް، މި މައްސަލަ ސިވިލް ކޯޓުގައި ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވާފައެވެ. ކޯޓުގެ ހުކުމުގައި މިއީ އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާއެއްގެ ބަދަލު ހޯދުމަށް ކުރާ ދައުވާއަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއުތައް ދައުވާކުރި ފަރާތުން ފުރިހަމަކޮށްފައެއް ނުވާކަން ހުކުމުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، މައުޟޫއީ ގޮތުން މައްސަލައަށް ގޮތެއް ނުނިންމާ، އިޖުރާއީ ސަބަބުތަކަށްޓަކައި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.
މީގެ ކުރިން ވެސް އެކި މަރުހަލާތަކުގައި މި މައްސަލަ ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ދައުވާކުރި ފަރާތަށް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. ސިވިލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން މިހާރު ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް، ހައިކޯޓުން މި މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލައަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހިނގާފައިވާ އިހުމާލުގެ މައްސަލަތަކުގެ ތެރެއިން ބޮޑު އަދަދަކުން ބަދަލު ހޯދަން ދައުވާކޮށްފައިވާ، ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ.


.jpg&w=3840&q=75)



