.jpg&w=3840&q=75)
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމަށް މިރޭ ތާވަލުކޮށްފައި ވަނިކޮށް އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާސްކޮށްފައިވާ ޕީއެންސީގެ އެކްޓިވިސްޓު މުހައްމަދު ޝަހީދު ފަނޑިޔާރުކަމާއި ހަވާލުވުމަށް އުޒުރުވެރިވާކަން އަންގައި ނަން އަނބުރާ ނަގަން ޖޭއެސްސީއަށް އޭނާ ހުށަހަޅައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ވެރިކަން ކުރާ ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ މުހައްމަދު ޝަހީދު އައްޔަނުކުރަން ނިންމުމާއިއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ. އަދި އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެއްވެސް މިއަދު ވަނީ ބަލައިގެންފައެވެ.
މިއާއިއެކު މިރޭ މަގާމުގެ ހުވާ ކުރައްވަން ތަވާލުކޮށްފައިވަނިކޮށް ޝަހީދު މިހާރު ވަނީ ފަނޑިޔާރުކަމާއި ހަވާލުވެވަޑައިގަންނަވަން އުޒުރުވެރިވާކަަން ޖޭއެސްސީއަށް ރަސްމީކޮށް އަންގައި އޭނާގެ ނަން އަނބުރާ ގެންދާކަން ޖޭއެސްސީއަށް އަންގާފައި އެވެ. އަދި އެކަން އިތުބާރު ހުރި މަސްދަރަކުން ގާފަށް ވަނީ ކަށަވަރުވެފައި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.
ޝަހީދު ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވަކީލް އަހުމަދު ނައުޝާދެވެ.